އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓް އާ ހިދުމަތްތަކާއެކު އަންނަ މަހު ލޯންޗް ކުރަން ނިންމާފައިވާ ކަމަށް، މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ވެބްސައިޓާއެކު އިސްލާމީ ފޮތްތައް އޮންލައިންކޮށް ކިޔުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

" މިހާތަނަށް މިނިސްޓްރީން ނެރެފައިވާ އިސްލާމީ ފޮތްތައް ޑައުންލޯޑްކުރެވޭނެހެން އިސްލާމީ ލައިބްރަރީ ބައެއް ވެސް ވެބްސައިޓްގައި ޤާއިމުވެފައި ހުންނާނެ" ޝަހީމް ވިދާޅުވިއެވެ.

ދީނީ ކަންކަމުގެ މައުލޫމާތު ފަސޭހައިން އަދި ޒަމާނީ ވާސީލަތްތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ޝަހީމް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިނިސްޓަރު މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ އިލްމު އުނގެނޭ ލޯފަން ކުދިންނަށް ރެފެރެންސް ފޮތްތައް ފަހިކުރުމުގެ ގޮތުން މިނިސްޓްރީނާއި އައިޔޫއެމުން މިހާތަނަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގެ އޯޑިއޯ ބުކް ނެރެން ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ އައިޔޫއެމްއިން ކަމަށާއި އެކަމަށް ބޭނުންވާ ހޭދަ ކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކޮންމެ ހުކުރު ދުވަހަކު ރާއްޖޭގެ މިސްކިތްތަކުގައި ކިޔާ ހުކުރު ޚުތުބާގެ ތަރުޖަމާ އެކި ބަސްބަހުން އޮންލައިންކޮށް ކިޔޭ ގޮތް ހެދުމަށް ވަނީ ނިންމައިފައެވެ. އަދި ދިވެހި ބަހުން ޚުތުބާ ދޭ ވަގުތު، މިސްކިތްތަކުގެ ޓީވީތަކުން އިނގިރޭސި ބަހުން ސަބްޓައިޓަލް އެރުވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އަދި މީގެ އިތުރުން އެ މިނިސްޓްރީން ވަނީ، ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10، 11، 12 ނިންމާފައިވާ ރީތިކޮށް ޤުރުއާންކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ޒުވާނުންނަށް، އިމާމުވެ ހުކުރުކޮށް ޚުޠުބާކިޔުމުގެ ހުއްދަ ދޭން ނިންމައިފައެވެ. މި ކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.