ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރަމުންދާކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަން އެމްޑީޕީން އަންނަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަމުގެ އަޑުތައް ފަތުރަމުންނެވެ. އަދި، ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެކަމަކު، މުއުތަބަރު ގޮތެއްގައި "ސަން"އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ޕީއެންސީއަށް ސޮއިކުރައްވަމުންނެވެ.

"އެމްޑީޕީގެ ބައެއް މެންބަރުން ޕީއެންސީއަށް އެބަ ސޮއިކުރޭ. މިހާރު ބައެއް މެންބަރުން ސޮއިކޮށްފި،" ސަރުކާރުގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް ކަށަވަރު ކޮށްދެއްވިއެވެ.

އެމްޑީޕީގެ ސީނިއާ ބައެއް މަޖިލީސް މެންބަރުން ވެސް ވަނީ ބައެއް މެންބަރުން ޕީއެންސީއަށް ސޮއިކުރާކަން ކަށަވަރުކޮށްދެއްވައިފައެވެ. އެކަމަކު، އެ ބޭފުޅުން ރަސްމީކޮށް އެއްވެސް މެންބަރެއްގެ ނަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

"ބައެއް މެންބަރުން ޕީއެންސީއަށް ބަދަލުވާކަމުގެ އަޑުތައް ވަނީ ގަދަވެފައި. އެކަކު ވަރަށް ޔަގީން. ސީދާ ޔަގީނެއް ނުވޭ އަދި ޕާޓީއަކަށް،" ހާލަތުގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް އެމްޑީޕީގެ ސީނިއާ މަޖިލިސް މެންބަރަކު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ބައެއް އެމްޑީޕީ މެންބަރުން ޕީއެންސީއަށް ބަދަލުވާކަމުގެ އަޑުތައް ވަނީ ގަދަވެފައި --- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ 56 މެންބަރުން ތިއްބަވާ އެމްޑީޕީގެ ބައެއް މެންބަރުން ސަރުކާރު ހިންގާ މައި ޕާޓީއަށް ބަދަލުވެފައިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީން ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި، އެ ޕާޓީން ވަނީ ރައީސާއި ނައިބު ރައީސް އަޒުލުކުރަން ފަސޭހަވާގޮތަށް މަޖިލީހުގެ ގަވާއިދު ވެސް ބަދަލުކޮށްފައެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާއިރު، މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދެއްވާފައި ނުވަތަ ވަކިވެފައިވާ މެންބަރުން ނުގުނުމެވެ. އެއީ، އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ.

އެ އިސްލާހާ އެކު، މިހާރު މަޖިލީހުގައި ތިއްބަވާނީ 80 މެންބަރުންނެވެ. އެއީ، ސަރުކާރުގެ އެކި މަގާމުތަކައި ހަވާލުވާން ސަރުކާރު ހިންގާ ޕީއެންސީއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްއެންޕީ ހިމެނޭހެން ޖުމުލަ ހަތް މެންބަރަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އަންނަ އަހަރު 20 ވަނަ މަޖިލިސް އިންތިޚާބު އޮންނާތީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާކީ މިއޮތް މުއްދަތުގައި ނުބާއްވާށެވެ.

އެހެންވެ، މިހާރު 53 މެންބަރުންގެ ވޯޓުން ރައީސް އަޒުލުކުރެވޭނެއެވެ. އެއީ، ގާނޫނު އަސާސީ ބުނާ ގޮތުން ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާނީ މަޖިލީހުގެ ތިންބައިކުޅައެއްބައި ވޯޓެވެ. އެމްޑީޕީގައި 56 މެންބަރުން ތިއްބަވައެވެ.

މި ވަގުތު މަޖިލީސް ބެހިގެންވާ ގޮތް:

  • އެމްޑީޕީގެ 56 މެންބަރުން

  • ޑިމޮކްރެޓްސްގެ 13 މެންބަރުން
  • ޕީޕީއެމްގެ ދެ މެންބަރުން
  • ޕީއެންސީގެ ދެ މެންބަރުން
  • ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން
  • އެމްޑީއޭގެ ދެ މެންބަރުން
  • އަމިއްލަ ތިން މެންބަރުން

މަޖިލީހުން އަދިވެސް އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް ރުހުންދީފައެއް ނުވެއެވެ. އެންމެ ފަހުން އޮތް މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނަށް ރުހުންދޭން އެޖެންޑާ ވެސް ކުރިއެވެ. އެކަމަކު، ވުޒާރާތަކުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެކަށައަޅާފައި ނެތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެ ދުވަހު ނިންމެވީ ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.

އޭގެ ފަހުން ހަފުތާއެއް ވެފައިވާއިރު، އަދިވެސް ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކޮމިޓީ ބޭއްވިފައެއް ނުވެއެވެ.

ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަން ނިންމަން، މަޖިލީހުން ވަނީ މި ހިނގާ ތިންވަނަ ދައުރު ތިންވަނަ ފަހަރަށް ދަންމައިލައިފައެވެ. މަޖިލީހުން ދައުރު ދަންމައިލީ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.