ޕޮލިސް ކޮމިޝަނަރަކަށް އެސިސްޓަންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ދެންމެ އައްޔަން ކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޝުޖާއު އެ މަގާމަށް މިއަދު އައްޔަން ކުރެއްވިކަން ރައީސް އޮފީހުން ޔަގީން ކޮށްދެއެވެ.

ހުސްވެފައިވާ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތު ހަމަވީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ހަމައެކަނި އޭސީޕީ ޝުޖާއާއި އޭސީޕީ އިސްމާއިލް ނަވީނެވެ. އޭގެ ތެރެއިން ޕޮލިސް ބޯޑުން ލަފާ ދިނީ ޝުޖާއު އެ މަގާމަށް އައްޔަން ކުރެއްވުމަށެވެ.

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ނުވެއެވެ. ގާނޫނުގައި އޮންނަ ގޮތުން އެ މަގާމަށް އާންމުކޮށް ހުޅުވައިލުމަށް ފަހު 90 ދުވަސް ދޭން ޖެހޭއިރު ކުރިމަތިލާ ފަރާތަކީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނަ މީހަކަށްވާން ޖެހެއެވެ.

އަދި، ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަންކުރާނީ ޕޮލިސް ބޯޑުން ހުށަހަޅާ ނަންތައް ވަޒަންކުރުމަށް ފަހު ފުލުހުންގެ ކަންކަމާ ހަވާލުވެ ހުންނަ ވަޒީރެއްގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ ކުރިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. އެހެންވެ، ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި އަބްދުލް މަންނާނު ޔޫސުފެވެ.

އެއަށް ފަހު މަންނާނު ރިޓަޔާ ކުރެއްވުމުން ދެން އެ މަގާމާ ހަވާލުވީ މިހާރު އެކްޓިން ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.