25 Dec 2023, 22:58
މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީލަންކާއިން ގާތްގަނޑަކަށް 13،000އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ލަންކާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ހަފުތާއެއްހައި ދުވަހުގެ މުއްދަތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައެވެ.
ލަންކާ ފުލުހުން ބުނީ ކޯޑް ނަމެއް ކަމަށްވާ "ޔުކްޓިޔާ" ނުވަތަ "އިންސާފު" ގެ ނަމުގައި ހިންގި އެ އޮޕަރޭޝަނުން ގާތްގަނޑަކަށް 440 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި 272 ކިލޯގެ ބަނގުރަލާއި، 35 ކިލޯގެ ހަޝިޝްއާއި ނުވަ ކިލޯގެ ހެރޮއިން ހިމެނޭ ކަމަށެވެ.
ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކޮށްފައި ވަނީ އިންޑިޔާ ކަނޑުގެ ޖަޒީރާ ރަށެކެވެ.
ޝައްކުކުރެވޭ 13،666 މީހުން ހައްޔަރުކޮށްފައިވާއިރު ހައްޔަރުކޮށްފައިވާ ގާތްގަނޑަކަށް 1،100 މީހުންނަކީ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންކަމަށް ފުލުހުން ބުނެއެވެ.
އަދި އެ މީހުންވަނީ ލަންކާ އަސްކަރިއްޔާއިން ހިންގާ ރިހިބިލިޓޭޝަނަކަށް ފޮނުވައިފައިކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް އެ ގޮތަށް މީހުން ހައްޔަރުކުރުމާ ދެކޮޅަށް ލަންކާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.
އެގޮތުން ފުލުހުން އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއް ނެތިކަމަށް އެ ޖަމާއަތްތަކުން ބުނެއެވެ.
އަދި އެއީ އެއްވެސް ހެއްކެއް ނެތި ހިންގި އޮޕަރޭޝަނެއް ކަމަށާއި ފުލުހުން އަމާޒުކޮށްފައި ވަނީ ފަގީރު ހިސާބުތަކަށް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެއެވެ.
ލަންކާއިން މަސްތުވާތަކެތި އެއްފަހަރާ އެންމެ ގިނައިން އަތުލައިގެންފައި ވަނީ 2016 ވަނަ އަހަރެވެ. އެ ފަހަރު އަތުލައިގެންފައި ވަނީ 800 ކިލޯގެ ބަރުދަން ހުރި ކޮކެއިންއެވެ.