25 Dec 2023, 22:41
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރުކުރުމާގުޅޭ ގަރާރު ތަންފީޒުކުރުމަށް އިސްރާއީލުން ހުރަސް އަޅާ ކަމަށް ފަލަސްޠީނުން ތުހުމަތުކޮށްފިއެވެ.
އެ ގައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އިސްރާއީލުން އަންނަނީ އެ ގައުމުގެ ސިޔާސަތުތަކުގެ ތެރެއިން ސަލާމަތީ މަޖިލީހުގެ ގަރާރު ތަންފީޒު ކުރުމަށް ހުރަސް އެޅުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ކަމަށެވެ.
އިސްރާއީލުން ވަނީ މުޅި ޣައްޒާ ސިޓީ ގަބުރުސްތާނަކަށް ހަދައިފައި ކަމަށާއި، ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިތުރު ކުރުމަށާއި މެދުކެނޑުމެއްނެތި އެހީ ލިބޭނެގޮތް ހެދުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން ހުށަހަޅައިފައިވާ ގަރާރު ފާސްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.
ފަނަރަ މެމްބަރުން މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުގައި، ގަރާރަށް ވޯޓު ދީފައި ވަނީ 13 މެމްބަރު ގައުމަކުންނެވެ. އެމެރިކާއައި ރަޝިއާއިން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.
ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހުށަހެޅި ގަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސް އަޅައިފައެވެ.
އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި ޣައްޒާގައި ވެރިކަންކުރަމުން އަންނަ ޙަމާސް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަނގުރައިމައިގައި ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުން އަންނަ ޙަމަލާތަކުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.