"ބޮޑު ބިރެއް ފެނުނީތަ....މީ މަށޭ..." މާޒިމް ވާނުވާނޭނގި ހުރެ ބުނެލިއެވެ. މިއަދު ހުސް ބޮލަށް އުނދަގުވާކަހަލަ ކަންތަކާއި ދިމާވާ ދުވަހެއް...ފެރީ މަތިންވެސް ފާޑެއްގެ މީހެއް...ކަޅި ވެސް ޖަހައިނުލާ ބަލަހައްޓައިގެން ހުރީ ކުދި ކިޔާލަ ކިޔާލަ.... ހީވި ފަހަތު އަޅުވައިގެން އައިހެންވެސް....މަށަކަށް ނޭނގެ...ވަރަށް ފޫހި ދުވަހެއް..." މާޒިމް ވަރަށް ވަރުބަލިކަމާއެކު ސޯފާ އަށް ވެއްޓިގަތެވެ.

މަދީނާ އާއި ކެނާން ފަހަތުގައި އޮތް އަބާޔާ ފޮރުވުމަށް ދެ މީހުންވެސް ފައިން އެ ކަބަޑު ދަށަށް ލަމުން ދިޔައީ ލޯބޮޑުވެ ވީއެއް ނުވީ އެއް ނޭނގި ތިބެއެވެ.

"ކިހިނެއްވެފަ ތަ ސްޓެޗޫ އަރާފަ ތި ތިބެނީ....ކެނާން ކޯއްޗެއް ތަށިގަނޑަކަށް ލައިގެން ތިހިރީ.... ތި ގެނެސްބަލަ.. ކޭކެއްތަ....ވަރަށް ހައި ވެފަ މިހިރީ ވެސް...މަދީނާ ދޮންބެ އަށް ކޮފީ ތައްޓެއްވެސް ހަދައިދީބަ...." މާޒިމް އެއް ނޭވާގައި ބުނެލިއެވެ.

"އޯ އޯކޭ... ދޮންބެ ބުނި ކޮންމެ ކަމެއް..." މަދީނާ ވަރަށް އަވަސް އަރުވާލިއެވެ.

މިއީ ކޭކެއް...އަ ބަނާނާ ބްރެޑް ކޭކެއް.... މާޒް އަށް މި މީރެއް ނުވާނެ....އެހެންނޫނަސް ބޭނުމިއްޔާ ތެދުވެގެން އާދޭ މޭޒު ދޮށަށް" ކެނާން ލާނެއްގޮތަކަށް ބުނެލިއެވެ.

"ވަޓް އަ ބަނާނާ ކޭކް އޭ...މައި ފެވަރިޓް އެއް...އެކަމަކު އެ ހަދަން އެނގޭނީ ހަމައެކަނި....." މާޒިމްގެ ހަނދާނަށް އައީ ވަރަށް ކުރީގެ މާޒްވިލާގެ ހަނދާނެކެވެ.

"ކާކަށް...ނުބުނައްޗޭ ފަރަހް އޭ..... އަހަރެން ހަނދާންވެއޭ އޭނަ އަޅައިގެން ގެނެސްދޭ ކޭކް...ހާދަ ނުބައޭ...އީވެން ޕޮއިޒަން ވުޑް ޓޭސްޓް ބެޓަރ..." ކެނާން ވަރަށް މަޖާވެފައި ހުރެ ދިމާކުރަންފެށިއެވެ.

"ޝަޓް އަޕް ކެނާން....ކިހާ ދެރަކަމެށް ދެން.... ކޮންދުވަހަކުންތަ ކެނާން ބޮޑުވާނީ، އަބަދު މާ އަމިއްލަ މަޖާވެފަ..." މާޒިމް އައި ރުޅީގައި ސޯފާއިން ތެދުވެ ހިނގައިގަތީ ކޮޓަރިއަށެވެ.

"ދޮންބެ...ކޮފީ...." މަދީނާ ދުވަމުން ދިޔައީ ހޫނު ކޮފީ ތަށި ހިފައިގެން މާޒިމް ފަހަތުންނެވެ. މާޒިމް އައި ރުޅިގައި މަދީނާ ފަހަތުން ދުވަމުން އައި ކަމެއް ނޭނގި ދޮރު ލައްޕައިލީ މަދީނާ ގެ މޫނުމައްޗަށެވެ.

"އައުޗް..." މަދީނާ ގެ އަތަށް ކުޑަކޮށް ހޫނު ކޮފީ އެޅުނެވެ.

"މަދީނާ އާ ޔޫ އޯކޭ.... ވެއިޓް ކުޑަބެ އައިސް ޕެކް އަޅައިދޭނަން....މި އޮތީ އަތް ކޮޅު ފިހިފައެއްނު..." ކަންބޮޑުވެފައި ކެނާން ފްރިޖް އިން އައިސް ޕެކް ނެގުމަށް އަވަސް ވެގަތެވެ.

މަދީނާ ވީ ދެރައިން އަވަހަށް ކޮފީ ތަށި މޭޒުމަތީ ބައިންދާފަ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.

***

ފަނޑު އަލިކަމެއް ވެރިވެފައިވާ އެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުރި ކޮފީ މޭޒުގައި އިށީނދެލައިގެން އޭނާ އިނީ ބޭރުގެ އެ ހަމަހިމޭން ޖައްވަށް ނަޒަރު ހުއްޓިލައިގެންނެވެ. ކުރިން އޯޓަމްގެ ހިތްގައިމު ކުލަތަކުން ޒީނަތްތެރިވެފައިވާ ބިންގަނޑު މިހާރު އޮތީ ފިނިވެފައިވާ ހުދު ރަޖާގަނޑެއްގެ ދަށުވެ އޮޅިފަ އެވެ. މަގުމަތީގައިވި އަޑި ގުޑަންތައް ފޮރުވިފައިވަނީ އެ ހުދު ދޫލަ ދަށުގައެވެ. ހަމަހިމޭންކަން ފަޅުފިލުވަމުން ދިޔައީ ފިޔަވަޅުތަކުގެ ދުރު ގުގުމަކުން އެކަންޏެވެ. ފޭރާން ގެއްލިފައިވާ ގަސްތަކުގައިވި ހިމޭން އެކަނިވެރި ދިގު ހިޔަންޔެއް ނޫނީ އެ ހުދު ދޫލައިގެ މަތީނެތެވެ. ޖާދުވީ ފިނި ވައިރޯޅިތައް ނަށަމުން ދިޔައީ އެފަޅު ގަސްތަކުގައި ބީހެމުން ދިޔަ މިއުޒިކީ ރާގުގައެވެ. އެ ބީހުމުގައި ހަނދާންތަކުގެ ރަމްޒާއި ބަޔާންނުކުރެވޭ ފަދަ އެދުންތަކެއް ހިތް ޒަޙަމް ކުރަމުންދިޔައެވެ. އެތެރޭގެ މާހައުލުގައިވި ހޫނުކަމާއި ބޭރުގައި ވާ ގަދަ ފިނީގެ އެކަހެރިކަމުގެ ތަފާތުން އޭނާގެ އެކަނިވެރިކަމުގެ އިހުސާސް އިތުރުވެގެން ދެއެވެ. އޭނާގެ ނަޒަރުގައިވި ހިތާމަވެރިކަމުގެ އިޝާރާތެއް ހުއްޓުމަކަށް އައީ މީހެއް ގޮވައިލުމުންނެވެ.

"ނާޝިދް... ނާޝިދް..." ވެރިވެފައިވި ހިމޭންކަން ފިލުވައިލީ އެކުވެރި އަޑެކެވެ.

"އަހްމަދް...ކޮން އިރަކު އައީ..." ކަރުނައިން ލޯ ބަރުވެފައިވާ ނާޝިދް ލޯ ފޮހެލަމުން ހިނުތުންވުމަކާއިއެކު އޭނާގެ ނަޒަރު ބޭރުގެ އެ ހިމޭން މަންޒަރުން ވަކި ކޮށްލިއެވެ.

"ކޮފީ ތަށި މިއޮތް ފިނި ވީއެންނު.... ދެންމެ ކަހަލަ ގޮތަކަށް މި އައީ.... ކޮބާ ނަބީއްތަ ހާލު ކިހިނެއް؟ މަ ވަރަށް ބޭނުން ނަބިއްތަ ބަލައިލަން ދާންވެސް..." ފިނި ކޯޓު ގޮނޑި ކައިރީ ބާއްވަމުން އަހްމަދު ބުނެލިއެވެ.

"ވަރަށް ހާލު ދެރަ... ދުނިޔޭގެ އެންމެ މޮޅު ހޮސްޕިޓަލްތަކުންވެސް ފަރުވާ އެއް ނުލިބުނު....އަހަރެން ގޮތް ހުސްވެއްޖެ މިހާރު...ފާއިތުވި ދުވަހެއް އަނބުރާ ނުލިބޭނެ... އަހަންނަށްވެސް ހެދުނު ގޯސްތައް ބައިވަރު..." ނާޝިދުގެ އަޑުގައިވީ ހިތާމަވެރި އާދޭހެކެވެ.

"ނާޝިދު ތި އުފުލާ ހިތްދަތިކަމަށް ކުޑަކޮށް ނަމަވެސް ލުޔެއް ލިބޭނެ ދަރީންނަށް ތިކަންތައްތައް ހާމަކޮށް އެކުދީންގެ ހިޔާލާއި ބައިވެރިކަން މިކަމުގަ ޝާމިލުކޮށްގެން... އެކަނި ތި ހުރިހާ ބުރަ އުފުލުމަކީ މީހާވެސް ހަލާކުގެ ތެރެއަށް ވައްޓާލުން..." އަހްމަދު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

"އަހްމަދު.... އަހަންނަކަށް އިތުރު ގޮތެއް ނެތޭ... އެކުދިންނަށް ޙަގީގަތް އޮޅުވާލައިގެން ހުންނަން އަހަންނަށްވެސް ދަތި.. ކުރުވުނު ކުށްތައް ބައިވަރު...މާޒިމް ނޫނީ އެހެން އެއްވެސް ކުއްޖެއް އަހަންނަށް މާފު ކީއްކުރަން އަނގައިން ބުނެލަންވެސް ހިތް ނޭދޭ...އަދި ނަބީލާގެ މަރުގެ ހަގީގަތް އެނގިއްޖެނަމަ މާޒިމް ވެސް....." އަޑު ކުރަކިވެ ނާޝިދު އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

"ދަރީން އަތުން ބީވެ ދިޔުމުގެ ހިތާމަ އަހައްނަށްވެސް އިހުސާސް ވޭ..." އަހްމަދު ވެސް ފުން ނޭވާއެއް ލަމުން ބުނެލިއެވެ.

"އަހަންނަށް ނަބީލާ އެ އާދަމްގެ ކިބައިން ސަލާމަތް ކުރަން އިތުރު އެހެން ގޮތެއް ނުލިބުނު... އޭނަ ޖަލުން މިނިވަން ވި ގޮތެއްވެސް ނޭނގެ... މުދަލާއި ފައިސާއިންވެސް މަސައްކަތް ކުރެވިއްޖެ އޭނަގެ ފުށުން ސަލާމަތްވާން....އަހަންނަށްވެސް އުޅެވުނު ގޮތުން ދަރީންވެސް ނަބީލާ ގޮވައިގެން ރާއްޖެ ބަދަލުވާން ޖެހުނީ...މިހާރު އެމީހުން މިކޮޅަށް ބަދަލު ކުރަން ވާހަކަ ދެއްކުމަކީވެސް ބޭކާރު ކަމެއް...ހުޝަލް އެކަމަކު އަދިވެސް މިކޮޅުގަ ކަންނޭނގެ....އެކަމު މާޒް ބުނި ހުޝަލް ވެސް ދާންވެގެންނޭ އުޅެނީ... މާޒްވިލާ ވެސް މަރާމާތުކުރެވުނު ވަރަކަށް ކޮށްލައިގެން ބަދަލުވާން ނިންމައިގެން އެތިބީ..." ނާޝިދު ވާހަކަދައްކަމުން ދިޔައީ ފިނި ވެފައި އިން ކޮފީ ތަށިން ކޯވަރެއް ބޯލަމުންނެވެ.

"އާދަމް އަށް އެނގޭތަ އުރުޖުވާން ދުނިޔޭގަ އެބަހުރިކަން؟" އަހްމަދު ވައި އަޑަކުން ނާޝިދު އާ ސުވާލުކޮށްލީ ވަރަށް ސިއްރުވެރި ގޮތަކަށެވެ.

***

މަދީނާ ގެ ރުއިން ކޮންޓްރޯލް ނުކުރެވި ގެންގުޅޭ ބޮޑު ބެއަރ ގައިގާ ބައްދާލައިގެން ބޭނުންވީ ފުނޑު ފުނޑުވަމުން ދިޔަ ހިތް ހަމަޔަކަށް އެޅުވޭތޯއެވެ.

"އަޅާލާނެ އެއްވެސް މީހެއް ނެތް ފަދަ... އެއްވެސް މީހަކަށް އަހަރެންގެ އިހުސާސްތައް ދެނެއެއްނުގަނެވޭ... ކުޑަ އިރުއްސުރެ މިއަދާ ހަމަޔަށް ދިރިއުޅުމުގަ ހިތްހަމަޖެހުމެއް ލިބިފަ އެއް ނެތް...ކީއްވެ މަންމަ އާއި ބައްޕަ ހަމައަށް ހުރެ އަހަންނަށް އެ ލޯބި ނުލިބުނީ.. އަބަދުވެސް ހިތާމަ... އަބަދުވެސް... އަހަންނަށް އުފަލާ ހިތްހަމަޖެހުން ހައްގު ނުވަނީތަ... ދިރި ހުރުމަށް ވުރެ މަރުވުންވެސް މާ ރަނގަޅު ވާނެ....މަންމަވެސް ދިޔަ ގޮތައް އަހަރެންވެސް ކަނޑަށް ގެނބުން މާ ހެޔޮވާނެ... މަދީނާ ހިތުގައި ވި އުދާސްތައް ބަންޑުން ކުރަމުން ދިޔައީ ކަރުނައިންނެވެ.

ކޮޓަރީގެ އޮރެންޖު ބޮކީގެ ފަނޑު އަލިކަމުގައި މަދީނާ އިނީ ކޮޓަރީގެ ކަނެއްގައި ގުޅައަކަށް ޖެހިގެން ބެއަރ ގައިގަ ބައްދާލައިގެންނެވެ. ކެނާން ދޮރުގައި ޓަކި ޖަހަމުން ގޮވަމުން ދާ އާދޭހުގެ އަޑު އިވުނަސް ބީރު ކަންފަތެއް ދިނީ އޭނާއަށް މިވަގުތު އެއްވެސް މީހަކާ ކުރިމަތިލާނެ ހިއްވަރެއް ނެތުމުންނެވެ.

"އާނ ކަލޭ މަރުވާން ވީ...ކަލެއާ ހެދި ބޮޑު ނުހުރޮއްޕާނަކަށް ވެއްޖެ މާޒިމް އާއި ކެނާން އަށްވެސް... ތީ އެއްވެސް ހެވެއް ހުރި މީހެއް ނޫން..." ހީލަތްތެރި އަޑެއް މަދީނާގެ ކަންފަތް ކައިރީ ވައި އެޅިއެވެ.

"އާދޭސް ކޮށްފަ މިބުނީ އަހަރެން ދޫކޮށްލާ.... ޕްލީޒް... އަހަރެންގެ ކޮން ކުށެއްތަ އޮތީ...." މަދީނާ ކަންފަތުގައި އަތް އަޅައިގެން އެ ނިޔަނެތި ތުންފަތް ތުރު ތުރު ލަމުން ބުނެލި އެވެ.

"ޝްޝްޝް... މާ އަޑު ހަރު ނުކުރޭ... އަދަބެއް ދޭންވީތަ.... ކަލެއަކީ މިނިވަނެއް ނޫނޭ...ތީ އަހަންނާ ހަވާލުކޮށްފަ ހުރި އަޅެއް... ކުށަކީ ކަލޭ އެ އުރުޖުވާން ކިޔާ ސުންޕާ ކަލޭގެ އާއި އެކީ މާ އުފަލުގަ އުޅުން" ޖަހާލި ވިދުވަރެއް ހެން އައިސް މަދީނާގެ ކޯ ފިތާލީ އެ ބާރުގަދަ ގަނޑުފެންހާ ފިނި އަތަކުންނެވެ. އޭނާގެ ނޫ ކަޅީގައިވީ އެއްވެސް ކުލުނެއް ނެތް ރަހުމުކުޑަ ހިތަށް ބިރުވެރިކަން ގެނުވާ ފިނި ބެލުމެކެވެ.

މަދީނާ އަށް އެ ސިފަ ބަލަން އުނދަގޫ ވެ ލޯ ފިތައި ބާރުކޮށްލިއެވެ. މަދީނާ ގައިގެ ބާރު ދޫވަމުން ދިޔައީ އެ ބާރުވެރި އަތުން ސަލާމަތްވުމަށް ހިތް އެދެމުންނެވެ. އެހީ އަށް އެދޭނެ ހިއްވަރު ގައިން ދޫވަމުންނެވެ. އޭނާ ވަނީ މުޅިން އެ ރަހުމު ކުޑަ އުވެއިސްގެ ބާރުގެ ދަށުގައެވެ.

***

އެ ބިއްލޫރިފަދަ އޮމާން ކަޅު ހަންގަނޑު ވިދާ ބަބުޅަމުން ދިޔަ ފުރިހަމަކަމަކީ ބަލާލި ކޮންމެ ލޮލެއް އޭގެ ޖާދޫގައި ޖައްސާލާނެ އަޖާއިބެކެވެ. އެ ކަނދުރާގައިވާ ކޮނޑުކަށީގެ ނިޔަނެތި ކަން އުޖާލާކޮށްދެމުން ދިޔައީ ރީތި ގެތުމަކުން ގަތާފައިވާ ހުދު ރަނުގެ ފަށާއި އެ ފަށުގަ އިން ކަނޑު ނޫ މުތީއެވެ. ސާދަ ވިލޭރޭ ހަނދުފަދަ ޗާލު ކަމެވެ.

"ވާވް...ހާދަ ރީތި ފަށެކޭ މިއީ....މާމަ ކޮންތަނަކުން ހޯދި ފަށެއް މި އީ...މީ އަސްލު ޕަލް އެއް ދޯ..." އުރުޖުވާން ލޯގަނޑު ކައިރީ ހުއްޓިލައިގެން އިނީ ކަރުގައި އަޅާފައިން ފަށުގެ ރީތިކަމުން އާޝޯހުވެފައެވެ.

"މާމަގެ ކަނބުލޮ ހާދަ ރީއްޗޭ... މުޅި މި ކާއިނާތުގަވެސް ތިފަދަ ރީތިކަމެއް ނުވާނެ..." ސަބީހާ ގެ ލޯ އުފާވެރިކަމުގެ ކަރުނައިން ބަރުވާން ފެށިއެވެ.

"މާމާ... އުރޫޖް މީ ބަބުރު ކުއްޖެނު...އުރުޖް އެހާ ރީއްޗެއް ނޫން... ދޮންވީމަ ރީތި ވާނީ.." އުރުޖުވާން ސަމާސާ ކޮށްލަމުން ބުނެލިޔަސް އެއީ ހިތުގައި ގަބޫލުކުރެވިފައިވާ ގޮތެވެ.

"މަރިޔަމް އުރުޖުވާން.... ދެން ދުވަހަކުވެސް ތިކަހަލަ ބަހެއް މި ސަބީހާ ދީދީ ކަންފަތުގަ ނުޖައްސައްޗޭ...." ދެ ލޯ ބޮޑުކޮށްލައިގެން އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރެ ސަބީހާ އިންޒާރުދިނެވެ.

"މާމާ...ސޮރީ...އެއީ މަޖަލޭ... މާމަ ބީޕީ ބަލަން މިހާރު މިޖެހުނީ... އެހާ އަވަހަށް ރުޅި ދުރުވާކަށް ނުވާނެއޭ ލޯބި ލޯބި މާމާ... މާމަ ބުނީމެއްނު އަދި ކެވެލި ކޮޅެއް އޮންނާނެއޭ... އުރުޖުވާން ހެމުން ސަބީހާގެ ގައިގާ ބައްދާލިއެވެ.

"އާނ މާމަ މި ކެވެލި ކޮޅު ތި އަތުގަ އަޅުވަދޭނީ ވަރަށް ބޮޑު ވަސިއްޔަތެއް ވަމުން... ވަސިއްޔަތަކަށް ވުރެ ބޮޑަށް މާމަ އާއި ހަވާލުވެފައިވާ އަމާނާތެއް... އުރުޖުވާން މާމަގެ މި ވާހަކަ ވަރަށް ކެތްތެރިކަމާއެކު އަޑު އަހާނެކަމަށް މާމަ އުންމީދުކުރަން..... މާމަ ނެތް ދުވަހެއްގެ ވާހަކަ އަޑުއަހަން ތި ތޫނު ކަންފަތް ބޭނުން ނުވާކަން އެނގޭ..އެކަމަކު ކޮންމެ މީހެއްގެ މަރުވެސް އައިސް ޖެހޭނެ....މާމަ ބޭނުން މާމަގެ ދުލުން މި އަމާނާތް ހަވާލު ކުރަން. ފުން ނޭވާއެއްލަމުން ސަބީހާ އިތުރަށް ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"ދަރިފުޅާ... ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް އަބަދުވެސް ކިޔަވައްޗޭ....މާމަ އަށް އެނގޭ ދަރިފުޅު މިހާރުވެސް ކިޔަވާކަން ކޮންމެ ރެއަކު.. ދެން އޮތް އެންމެ ބޮޑު ވަސިއްޔަތަކީ.....ހިންދިރުވާލަމުން ސަބީހާ ބުނެލިއެވެ. މާޒިމް އާއި ކައިވެނި ކުރޭ... އެއީ ދަރިފުޅަށް...." ސަބީހާގެ ވާހަކަ ނުނިމެނީސް ބެލް ޖަހާ އަޑު އިވެން ފެށިއެވެ.

***

ސޫރަތް ބަޤަރާ އެއަރ ޕޮޑްސް އިން ޖަހާލައިގެން ކެނާން އޮށޯވެލައިގެން އޮތީ ސޯފާގައި ސީލިންގ އަށް ނަޒަރު ހުއްޓައިލައިގެންނެވެ. ނުތަނަވަސް ވެފައިވާ ހިތައް ހަމަހިމޭންކަން ވެރިވަމުން ދިޔައީ ޔާސިރް ދޮސަރީގެ ރީތި އަޑުން ކިޔަވަމުން ދިޔަ ޤުރުއާނުންނެވެ. މަދީނާ އާއި މާޒިމް އަށް އާދޭސްކުރުމަކީ ފޫނެތް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއްކަން ކެނާން އަށް އެނގެއެވެ. އެ ދެބެއިންނަކީ ވެސް ބޯހަރު ދެބެއިންނެވެ. ކެނާން އެ ރީތި ކިޔެވުމުގައި ގެނބެމުންދިޔައީ އަރާމު ނިންޖަކަށެވެ.

ދެކޮޅަށް ދެކޮޅަށް އަވަސް ހިނގުމުގައި ރުޅީގައި އަނދަމުން ދިޔަ މާޒިމް ފައިގެ ބޮޑުވާ އިނގިލި ޖެހުނީ ޑްރެސިން ޓޭބަލް ގައެވެ. އަނގައިން ކިޔެން އުޅުނު އެއްޗެއް ދިރުވައިލީ ތަދުވި ވަރުންނެވެ. އެހެން ނަމަވެސް އައިއްސަ ހުރި ރުޅި މައިތިރިވިއެވެ. ރުޅި އަށް ވުރެ ބޮޑަށް ތަދު އިހުސާސް ވުމުން ކުޑަކޮށް ހެވެން ވެސް ހެވުނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށް ތަންކޮޅެއް ހަމަޖެހޭ ވިސްނުމެއް ހޯދުމަށް މާޒިމް ތަދުވި ފައިގެ ބޮޑުވާ އިނގިލި ހިފަހައްޓާލައިގެން ހުރެ ފުން ނޭވާ ލިއެވެ.

ވެފައި ހުރި ހައި އާއި މިއަދު ގުރާދޫގައި ދިމާވި ކަންތަކާއި އަދި ފެރީ ގެ ދިމާވި އެ ކަންތަކާ ...އަސްލު ހުރިހާ ރުޅިއެއް ބޭލުނީ..ހިތާ ހިތުން މާޒިމް ކުއްވެރި ކުރަމުން ދިޔަ އަމިއްލަ ނަފްސަށް އުޒުރު ދައްކަމުން ދިޔައެވެ. މާޒިމް ގަތް ލަދުން ހައިވެފައި ހުއްޓަސް ބޭރުގައި ކެނާން ހުރުމުން ކޮޓަރީގައި މަޑުކޮށްލީ އަދި ދަން ވެލަންދެނެވެ. ނަމަވެސް މިއަދުގެ ވަރުބަލިކަމާއި ބަނޑުހައި ވެފަ ހުރިލެއް ބޮޑުކަމުން ކެތްނުކުރެވިގެން ނިކުތީއެވެ. އޭރު ކެނާން އޮތީ ގަދަ ނިދީގައެވެ. ކުދި ފިޔަވަޅުގައި މާޒިމް ދިޔައީ ކޭކް ކެއުމަށެވެ.

"ހްމްމް..ހާދަ މީރޭ...ކުޑައިރު ސަބީބީ ހަދާދޭ ކަހަލަ ކޭކްގެ ރަހަ....އައި މިސް ހާ..." މާޒިމްގެ ހިތަށް ވެރިވީ ބުނެދޭންވެސް ނޭނގޭ ކަހަލަ އުފާވެރި އިހުސާސެކެވެ. ކަބަޑު ދަށުން ފެނުނު ފޮތިގަނޑެއް މާޒިމްގެ ލޮލުގައި އަޅައިގަތެވެ. "މި ކޯއްޗެއް؟" ހިތާހިތުން ސުވާލު ކޮށްލެވުނެވެ. އެ ނަގަން ގުދު ވި އިރުން މީހެއްގެ ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމާލިއެވެ. މާޒިމް އަވަހަށް ދުއްވައިގަތީ ދޮރާ ދިމާއަށެވެ.

ނުނިމޭ