25 Dec 2023, 07:30
ބޮލީވުޑްގެ ސަލްމާން ޚާންގެ ކައިވެންޏާ މެދު ކުރެވޭ ސުވާލުތައް މެދު ނުކެނޑެނީސް އާއިލާއިން އިތުރު ކައިވެނީގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ސަލްމާން ޚާން އަދި ކޮއްކޮ ސުހެއިލް ޚާން ވެސް ފަހަތަށް ޖައްސާލުމަށް ފަހު ދެވަނަ ކައިވެންޏަކާ އެކު އުފާވެރި ޒަވާޖީ ޙަޔާތެއް ފަށާފައިވަނީ އެކްޓަރުގެ ކޮއްކޮ އަދި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ އަރުބާޒު ޚާންއެވެ.
ފިލްމު "ދަބަންގް"ގެ އެކްޓަރުގެ ކައިވެނީގެ ވާހަކަތައް މިދިޔަ ހަފުތާ ތެރޭ މީޑިއާތަކުން ފެންމަތިކުރި ނަމަވެސް އާއިލާއިން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އުމުރުން 56 އަހަރުގެ އަރުބާޒު ޚާން ކައިވެނިކޮށްފައިވަނީ ބޮލީވުޑްގެ މޭކަޕް އާޓިސްޓް އަދި ހެއާ ސްޓައިލިސްޓް ޝޫރާ ޚާންއާއެވެ. އަރުބާޒާއި ޝޫރާ ބައްދަލުވެފައިވަނީ އަރުބާޒުގެ ކުރިއަށް އޮތް ފިލްމު "ޕަޓްނާ ޝުކްލާ"ގެ ޝޫޓިންގް ތެރެއިންނެވެ. ދެ ފަރާތުގެ އާއިލާގެ ގާތް މެންބަރުންގެ އިތުރުން ގާތް ރަޙްމަތްތެރިން ހަމައެކަނި ބައިވެރިވި މި ކައިވެނީގެ ހަފުލާގައި ބަތަލާ ރަވީނާ ޓަންޑަންގެ އާއިލާގެ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޝޫރާ ޚާން އަކީ ރަވީނާގެ އަންހެން ދަރިފުޅުގެ މޭކަޕް އާޓިސްޓު ކަމަށްވުމުން އެއީ އެ އާއިލާގެ ވަރަށް ގާތް ފަރާތެކެވެ.

އަރުބާޒް ޚާންގެ ކައިވެނީގެ ހަފްލާގެތެރެއިން-- ފޮޓޯ/ އިންޓަނެޓް
ކައިވެނީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަރުބާޒު ބުނީ ކޮންމެ އުމުރެއްގައި ވެސް ދިރިއުޅުން އަލުން ފަށައިގަނެވިދާނެ ކަމަށެވެ. އަދި، ކައިވެނީގެ ހެޔޮ އެދުންތައް ފޮނުވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން އަރުބާޒު ބުނީ ކުރިއަށް އޮތްތަނުގައި ވެސް އެ ދެމަފިރިންނަށް ބޭނުން ވަނީ ސަޕޯޓަރުންގެ ހެޔޮ ދުޢާ ކަމަށެވެ.
އަރުބާޒުގެ ކައިވެނީގެ ހަފުލާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އަރްހާން ޚާނެވެ. އަރްހާން ޚާން އަރުބާޒާ އެކު ކައިވެނީގެ ޙަފުލާއިން ފެނުމުން ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ އުފާ ފާޅުކޮށްފައެވެ.
އަރުބާޒު ޚާން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އާއިލީ ފިލްމު ކުންފުނިން ގެނެސްދިން ފިލްމު "ފައްރޭ" އިންނެވެ.