25 Dec 2023, 07:41
މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "ސްކްރީމް"ގެ ހަތްވަނަ އިންސްޓޯލްމެންޓުގެ ލީޑު އެކްޓަރުން ފިލްމުން ގެއްލިފައިވަނިކޮށް އެންމެފަހުން ފިލްމުގެ ޑައިރެކްޓަަރު ވެސް ޕްރޮޖެކްޓު ދޫކޮށްލައިފިއެވެ.
ގާތްގަނޑަކަށް 30 އަހަރު ވާން ގާތްވެފައިވާ ސްކްރީމް ފްރެންޗައިޒްގެ ހަވަނަ ބައެއް ރިލީޒް ކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ފްރެންޗައިޒްގެ ހަވަނަ ފިލްމާ އެކު ފްރެންޗައިޒްގެ ލީޑް އެކްޓަރުން ވަނީ ބަދަލު ކޮށްލައިފައެވެ. އެގޮތުން ހަވަނަ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވަނީ ޖެނާ އޯޓޭގާއާއި މެލިސާ ބެރޭރާއެވެ.
ހަތްވަނަ ބައިގެ ކެމެރާ ފަހަަތުގައި މިހާ މައްސަލަ އެންމެ ފުރަތަމަ އުފެދިފައިވަނީ ފިލްމުގެ ލީޑު އެކްޓަރު މެލިސާ ފަލަސްތީނަށް ސަޕޯޓު ކުރުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ޕްރޮޑަކްޝަނުން މެލިސާ ގޯސްކޮށް އޭނާ ކާސްޓުން ބޭރު ކޮށްލިއެވެ. އޭގެ ދުވަހެއް ވެސް ނުވަނީސް ފިލްމުގެ ދެވަނަ ލީޑު އެކްޓަރު ޖެނާ ވަނީ އަމިއްލައަށް ޕްރޮޖެކްޓު ދޫކޮށްލައިފައެވެ.
މި ކަންތައްގަނޑުގައި ފިލްމަށް ވާނެ ގޮތެއް ނޭނގިގެން އުޅެނިކޮށް ފިލްމުގެ ޑިރެކްޓަރު ކްރިސްޓޮފާ ލެންޑަން ވަނީ ޕްރޮޖެކްޓު ދޫކޮށް ގޮސްފައެވެ. ފްރެންޗައިޒްގެ ހަވަނަ ބައިގެ މަސައްކަތް ވެސް ކޮށްފައި ވަނީ ކްރިސްޓޮފާއެވެ.
ކްރިސްޓޮފާ ބުނެފައިވަނީ ސްކްރީމް ފްރެންޗައިޒް ޑައިރެކްޓު ކުރުމަށް ފުރުސަތު ލިބުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވި ކަމެއް ކަމަށެވެ. ނަމަވެސް ކަންތައް ވެފައިވާ ގޮތުން މުޅި ފްރެންޗައިޒް މަތީން ވެސް ފޫހިވެފައިވާ ކަމަށް އޭނާ އިޝާރާތް ކުރިއެވެ.
ފިލްމު ފްރެންޗައިޒުން މެލިސާ ބޭރު ކޮށްލުމުން ވެސް އެކަމާ ކްރިސްޓޮފާ ހިތާމަ ފާޅުކުރިއެވެ. އަދި، މެލިސާ ދައްކާފައިވާ ވާހަކަތަކަށް ސަޕޯޓު ކުރާ އިބާރާތުން ވެސް އޭނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ޕްރޮޑަކްޝަން އަކީ އިޒްރޭލު ބައެއްގެ ޕްރޮޑަކްޝަނަކަށްވެފައި އެކަމާ އިތުރަށް ކުރެވޭނެ ކަމެއް ނެތީމައި ޕްރޮޑަކްޝަނުން ކްރިސްޓޮފާ ވެސް ވަނީ ވަކިވެފައެވެ.
މިހާރު ސްކްރީމް ފްރެންޗައިޒްގެ ލީޑު އެކްޓަރެއް އަދި ޑިރެކްޓަރެއް ނެތެވެ.
އެހެންވެ، ހަތްވަނަ ފިލްމަށް ހަދާނެ ގޮތެއް ނޭނގެއެވެ. ގިނަ ބަޔަކު އަންނަނީ ފިލްމު ބޮއިކޮޓު ކުރުމަށް ވެސް ގޮވާލަމުންނެވެ. އަދި، މިއީ ފިލްމު ފްރެންޗައިޒް ނިމުމަށް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކު އިޝާރާތް ކުރެއެވެ.