މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މި އަހަރުގެ އޮކްޓޫބަރު އެސްޓީއޯގެ މަކީޓާގެ ޝޯރޫމުން އެންމެ ގިނައިން ވިޔަފާރި ކުރި ފަރާތްތަކަށް ޚާއްސަ އެވޯޑެއް ދީފިއެވެ.

މި އެވޯޑުތައް ދިނީ އެ ކަމަށް ޓަކައި ޚާއްސަކޮށް މިރޭ ކުރިއަށް ގެންދިޔަ އިވެންޓެއްގައެވެ.

އެގޮތުން، މި އެވޯޑް ހަތް ކުންފުންޏަކަށް ވަނީ ލިބިފައެވެ.

އޭގެ ތެރޭގައި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަކަށް ލިބިފައިވާއިރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން ފަސް ކުންފުންޏަކަށް މި އެވޯޑް ލިބުނެވެ.

އެވޯޑުތައް އެ ކުންފުނިތަކާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.

މި އެވޯޑް ލިބުނު ސަރުކާރުގެ ކުންފުނިތަކަކީ ސްޓެލްކޯއާއި އެމްޓީސީސީއެވެ. އަމިއްލަ ވިޔަފާރިތަކުގެ ތެރޭގައި އެލިއާ ކޮންސްޓްރަކޮޝަން ޕްރައިވެޓް ލިމިޓެޑާއި، ސޮނެވާ ޖާނީއާއި، ސަޓާން އެންޑް ގްރޫޕް ޕްރައިވެޓް ހިމެނެއެވެ.

މި އިވެންޓުގައި މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކައިލުމަށް އެސްޓީއޯއިން ކުރިޔަށްގެންދާ މުބާރާތެއް ކަމުގައިވާ "ހެއްޔާ މަކިޓާ'' ވެސް ވަނީ ލޯންޗުކޮށްފައެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ މަކިޓާގެ އުފެއްދުންތައް ދުނިޔެއަށް ތައާރަފްވީ 1915 ވަނަ އަހަރެވެ. މަކިޓާގެ އުފެއްދުންތައް އެސްޓީއޯއިން ވިއްކަން ފަށާފައިވަނީ 1998 ވަނަ އަހަރެވެ. އެސްޓީއޯއަކީ މަކިޓާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރެވެ.