އެކްޓަރު ސަނީ ޑިއޯލްގެ ފިރިހެން ދަރިފުޅު ރާޖްވީރު ޑިއޯލާއި ކުރީގެ ބަތަލާ ޕޫނަމް ދިލޯންގެ އަންހެން ދަރިފުޅު ޕަލޯމް ދިލޯން ފިލްމީ ދާއިރާއަށް ތަޢާރަފުވި ފިލްމު "ދޯނޯ" ޒީ5ގައި ރިލީޒް ކުރާގޮތަށް ނިންމައިފިއެވެ.

މި މަހުގެ 29 ވަނަ ދުވަހު ޒީ5ގައި ރިލީޒްކުރަން ނިންމި މި ފިލްމަކީ، މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖަތިޔާގެ ދަރިފުޅު އަވްނިޝް ބަރްޖަތިޔާ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.

ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު "ދޯނޯ" ސިނަމާތަކުގައި އަޅުވާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ފިލްމަށް ލިބިފައިވާ ރިވިއުސްތަކަށް ބަލާއިރު ގިނަ ބަޔަކު ބުނެފައިވަނީ ފިލްމު ގެނެސްދިން ރާޖްޝްރީ ޕްރޮޑަކްޝަން ކުންފުންޏަކީ މިހާތަނަށް ވަރަށް ސާދާ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައިވާ ކުންފުންޏެއް ކަމުން އެކަން ފިލްމު "ދޯނޯ"އިން ވެސް ފެނުނު ކަމަށެވެ.

މުޅިން އާ ދެ ތަރިން ފިލްމުން ފެނުނުއިރު ބެލުންތެރިން ތިބީ މިފަދަ އާ މޫނުތަކެއްގެ އިންތިޒާރުގައި ކަމަށާއި ފިލްމު "ދޯނޯ"އަކީ މި ޒަމާނުގެ ޒުވާން ޖީލުތަކާ ގުޅޭ ލޯބީގެ ވާހަކައެއް ގެނެސްދިން ފިލްމެއް ކަމަށް ބައެއް ރިވިއު ތަކުގައިވަނީ ބަޔާންކޮށްފައެވެ. ހަމައެއާ އެކު މިއުޒިކް ކޮމްޕޯސަ ޝަންކަރު އެހެސާންގެ ހިތްގައިމު މިއުޒިކާ އެކު މިއީ ބަލައިލަން އެންމެ ރަނގަޅު ރަހަ ހެޔޮވަރު ފިލްމެއް ކަމަށް ބެލުންތެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެކްޓަރު ސަނީ ޑިއޯލް އާއި ބަތަލާ ޕޫނަމްގެ އެހާރާއި މިހާރުގެ ފޮޓޯތަކެއް-- ފޮޓޯ/ ފޭސްބުކް
ސަނީ ޑިއޯލް އަދި ކުރީގެ ބަތަލާ ޕޫނަމްގެ ދެ ކުދިން ފިލްމީ ދާއިރާއަށް އެއް ފިލްމަކުން ނުކުތް އިރު ފާހަގަކޮށްލެވޭ ކަމަކީ ސަނީއާއި ޕޫނަމް އަކީ އެކީގައި ގިނަ ފިލްމުތަކުން ފެނިފައިވާ ތަރިންކަމެވެ. އޭގެ ތެރޭގައި 1986ވަނަ އަހަރު ރިލީޒްވި ފިލްމު "ސަމުންދަރު" ހިމެނެއެވެ. މި ފިލްމުގެ ވަރަށް ބޮޑު ބައެއްގެ ޝޫޓިން ރާއްޖޭގައި ނަގާފައިވުމުން މިއީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ.

ސަނީގެ ހަގު ދަރިފުޅު ރާޖްވީރު ފިލްމީ ދާއިރާއަށް ނުކުމެފައިވާއިރު ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވެސް ވަނީ ފިލްމީ ދާއިރާއަށް ނުކުމެފައެވެ.