ށ. މިލަންދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ މުދާ ށ. ފުނަދުއަށް ބަދަލު ކުރުމަށް ކޯޓް އަމުރަކާއެކު މިލަންދޫގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުންނާއެކު އެ ރަށުގައި އަތޮޅު ކައުންސިލްގެ މުވައްޒަފުން ވެސް ހަރަކާތެރިވަމުން އެބަދެ އެވެ.

ށ. މިލަންދޫގައި ހުރި އަތޮޅު ކައުންސިލް އިދާރާގެ މުދާ ފުނަދުއަށް ގެނައުމަށްޓަކައި މިލަންދޫގައި ފުލުހުން އިއްޔެއިން ފެށިގެން ހަރަކާތްތެރިވަމުންދާއިރު އެ ރަށުގެ ބަޔަކު އެއްވެ، އިއްޔެ ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އެ ރަށުގެ ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލަން ފެށުމުން ފުލުހުން ވަނީ އެ މަސައްކަތް އިއްޔެ ހުއްޓާލައިފަ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް މިއަދު ވިދާޅުވީ ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް ރަށުގެ ބަޔަކު ނުކުމެދާނެތީ މިލަންދޫ ރަށު ކައުންސިލާއި ފުލުހުންނާ ދެމެދު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިލަންދޫ ކައުންސިލާއެކު ފުލުހުން މަޝްވަރާ ކުރަމުންދާއިރު، ފުލުހުން ވަނީ އެ ރަށުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން ށ. އަތޮޅުގެ މަރުކަޒީ ރަށަކީ ފުނަދޫކަމަށް ކަނޑައަޅާފައި ވަނިކޮށް، މިލަންދޫއަކީ މަރުކަޒީ ރަށުގެ ގޮތުގައި ނިންމައި އަތޮޅު ކައުންސިލްގެ އިދާރާ އެ ރަށަށް ބަދަލު ކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި އެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބުވުމާއެކު، ޑީއާރްޕީގެ މެޖޯރިޓީ ކޮންޓްރޯލް ކުރީ ށ. އަތޮޅު ކައުންސިލުން ވަނީ އަނެއްކާވެސް މަރުކަޒީ ރަށަކީ ފުނަދޫ ކަމަށް ކަނޑައަޅާފައި އެވެ.
ފުނަދުއަށް އަނެއްކާވެސް އަތޮޅު ކައުންސިލް އިދާރާ ބަދަލު ކުރި ނަމަވެސް، އެތަނުގައި ކުރިން ހިންގި އިމާރާތުގައި އޮފީސް ސާމާނެއް ނެތެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ފަތުހީ ވިދާޅުވީ މިލަންދޫގައި ހުރި އަތޮޅު ކައުންސިލްގެ މުދާ ފުނަދުއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް މުހައްމަދު ވަހީދު އެ ރަށަށް ވަޑައިގަތުމުން ދެންނެވި ކަމަށެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރު މުހައްމަދު ޖަމީލަށް ސިޓީއަކުން ވެސް އެވާހަކަ ދަންނަވާފައިވާ ކަމަށެވެ. އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ވެސް އެކަން ރަސްމީކޮށް އަންގާފައިވާނެ ކަމަށް މޫސާ ފަތުހީ ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ ސަރުކާރުގައި ވެސް އަޅުގަނޑުމެން އެ ގޮތަށް އެދުނީމައި ސަރުކާރުން އެކަމެއް ނޮކޮށްދިން. ނަމަވެސް ސަރުކާރު ބަދަލުވުމުން އެލްޖީއޭއަށާއި ރައީސް ވަހީދަށާއި މިހާރުގެ ހޯމް މިނިސްޓަރަށް ވެސް އަޅުގަނޑުމެން އަތޮޅު ކައުންސިލުން ވާނީ އެކަން ދަންނަވާފައި،" މޫސާ ފަތުހީ ވިދާޅުވި އެވެ.