24 Dec 2023, 22:05
ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ދެ މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން މުދާތައް ބަދަލުކުރި އިރު ބައެއް މުދާ ގެއްލުނު މައްސަލައިގައި ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއިން އިންޓާނަލް ތަހުގީގެއް ފަށައިފިއެވެ.
ކުރީގެ މިނިސްޓްރީ، ދެ މިނިސްޓްރީއަކަށް ބަދަލުވުމާއެކު، އޮފީސް ބަދަލުވުމުގެ މަސައްކަތުގެ ތެރެއިން ހަ މޮނީޓަރަކާއި، ދެ ސީޕީޔޫއެއްގެ އިތުރުން ބޮޑު ޓީވީއެއް ގެއްލިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.
މި މައްސަލައިގައި ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިއިން އެއްވެސް މަރުހަލާއެއްގައި، ކުރީގެ މިނިސްޓްރީތަކުން މުވައްޒަފުންނާއި ތަކެތި ބަދަލުކުރިއިރު ސިޔާސީ މުވައްޒަފުން ބައިވެރިވެފައިނުވާކަމަށެވެ.
އެ ކަން ކުރީ އެ ވުޒާރާއެއްގައި ހުންނެވި ޒިންމާދާރު އިސްވެރިޔާގެ ބެލުމުގެ ދަށުންކަމަށް ޔޫތު މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ގެއްލިފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ބައެއް ތަކެތިކަން ފާހަގަކޮށް، ޔޫތު މިނިސްޓްރީން ބުނީ، އެ ކަން ސަމާލުކަމަށް އައުމާއެކު އެ ކަން ހިނގި ގޮތް ބެލުމަށް އިންޓާނަލް އިންވެސްޓިގޭޝަނެއް ފަށައިފައިވާކަމަށެވެ.
މި މައްސަލަ ފުލުހުންނަަށް ހުށަހެޅީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.
އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް މިފަދަ ބައެއް މައްސަލަތައް ފެންމަތިވެފައިވެއެވެ. އޭގެ ތެރޭގައި ބައެއް ކުންފުނިތަކާއި، މިނިސްޓްރީތަކުގެ ލިޔެކިޔުންތައް ނައްތައިލައި، ބަދަލުކުރުމުގެ ތުހުމަތުކުރެވޭ މައްސަލަތައް ހިމެނެއެވެ.