24 Dec 2023, 21:46
މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ގަމު, ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އިހުމާލުވެފައިވާކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
ނާއިޝް ހޯދުމަށް ކުރާ މަސައްކަތާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު ނެރުނު ބަޔާނެއްގައިވަނީ ޒުވާނަކު ހޯދުމުގެ މަސައްކަތުގައި 72 ގަޑިއިރު ފާއިތުވެގެން ގޮސްފައިވާއިރު، ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ އެ ޕަޓީން ދެކޭގޮތުގައި ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.
އެމްޑީޕީން ބުނީ، އެ ފަދަ އޮޕަރޭޝަންތަކުގައި ޒަމާނުއްސުރެ އެކުވެރި ގައުމުތަކުގެ އެހީތެރިކަން ހޯދާކަމަށެވެ.
ނަމަވެސް، މިއަދު ރާއްޖޭގައި އެ ފަދަ ފަންނީ ގާބިލްކަމާއި ވަސީލަތްތައް ލިބެން ހުރެމެ އެ ވަސީލަތްތައް ބޭނުން ނުކުރުމަކީ ކަންބޮޑުވާ ކަމެއްކަމަށް އެ ޕާޓީން ބުންޏެވެ.
މީގެ އިތުރުން، އެމްޑީޕީން ބުނީ ދިވެއްސެއްގެ ފުރާނައަށްވުރެ ސިޔާސީ އެޖެންޑާއެއް އިސްކުރުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
އަދި ނައީޝް ހޯދުމުގެ އޮޕަރޭޝަންގައި މި ވަގުތު ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރުމަށް އެމްޑީޕީން ވަނީ ގޮވައިލައިފައެވެ.
އެ ޕާޓީން މިފަދައިން ބަޔާނެއް ނެރެފައިވަނީ ނާއިޝް ހޯދުމުގެ މަސައްކަތަށް އިންޑިއާ ޕައިލެޓުން ބޭނުންކޮށްގެން އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާ ބޯޓުތައް ބޭނުންނުކުރާކަމުގެ ވާހަކަަތައް ފެތުރެމުން އަންނަނިކޮށެވެ.
މިދިޔަ ބުރަސްފަތި ދުވަހު ނައީޝް ގެއްލުނީ، އިތުރު ދެ އެކުވެރިންނާއެކު އިހި ހިފަން ގޮސް އުޅުމުގެ ތެރޭގައެވެ.
އެ ހާދިސާ ފުލުހަށް ރިޕޯޓު ކޮށްފައި ވަނީ އެރޭ 22:45 ހާއިރު ކަމަށް ފުުލުހުން ބުންޏެވެ. އެއާއެކު ނައީޝް ހޯދުމުގެ އޮޕަރޭޝަން ވަނީ ފަށާފައެވެ. މިހާތަނަށް ބެލިބެލުމުން އަދިވެސް ނާއިޝްގެ ޚަބަރެއް ނެތެވެ.