ރެއާލް މެޑްރިޑުގެ ހުށަހެޅުމެއް ލިބުނު ނަމަވެސް ޑިފެންޑަރު އައިމެރިކް ލަޕޯޓް، އަލް ނަސްރުގައި މަޑުކުރުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލަބާއަށް އަނިޔާވުމާ ގުޅިގެން، އެ މަގާމު ފޫބެއްދުމަށް އެ ކްލަބުން ދަނީ ލަޕޯޓް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ ހުށަހެޅުން ގަބޫލުނުކޮށް، އަލް ނަސްރުގައި މަޑުކުރުމަށް ލަޕޯޓް ނިންމައިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް، އުމުރުން 29 އަހަރުގެ ލަޕޯޓް އަލް ނަސްރާ ގުޅުނީ 23.6 މިލިއަން ޕައުންޑް (30 މިލިއަން ޑޮލަރު)ގެ އަގަކަށެވެ.

މުސާރައިގެ ގޮތުގައި އޭނާއަށް އަލް ނަސްރުން އަހަރެއްގެ މައްޗަށް 21 މިލިއަން ޕައުންޑް (26.6 މިލިއަން ޑޮލަރު) ދައްކަމުންދާތީ، ރެއާލަށް އެ އަގު ދިނުމަށް އުނދަގޫތަކެއް ވެސް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއެކު ލަޕޯޓް އަކީ އަލް ނަސްރުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ކުރިއަށް މުހިންމު މުބާރާތްތަކެއް އޮތުމާއެކު ސައުދީ ޕްރޯ ލީގަށް ވާދަކުރަމުންދާތީ، އަލް ނަސްރުން ވެސް އޭނާ ދޫކޮށްލަން ބޭނުމެއް ނުވާނެއެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު މި ވަގުތު އޮތީ ކުޅުނު 17 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

އަލް ނަސްރާއި ތާވަލުގެ އެއްވަނައިގައި އޮތް އަލް ހިލާލްއާ ދެމެދު ދިހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ނަމަވެސް އަލް ހިލާލުން ވަނީ އަލް ނަސްރަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.