ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާނެ މެމްބަރުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 17ވަނަ ދުވަހު ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.

މި ނިންމުން ނިންމައިފައިބަީ އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުގައެވެ.

އެގޮތުން ޑިމޮކްރެޓުން އާންމުކޮށްފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރެވޭނީ ފެބްރުއަރީ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފުތަރުގައި ތިބި މެމްބަރުންނަށެވެ. އަދި ގާނޫނުގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ކަމަށް ބަޔާންކުރާ ކަންކަން ފުރިހަމަ މެމްބަރުންނަށެވެ.

އަދި ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެ މީހެއްގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހަޅަންވާނެކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މި ޕްރައިމަރީގައި ވޯޓު ދެވޭނީ ވެސް ފެބްރުއަރީ ހަތަރެއްގެ ކުރިން ޕާޓީގެ ދަފްތަރުގައި ތިބި މެމްބަރުންނަށެވެ.

އިދިކޮޅު އެމްޑީޕީއާއި ސަރުކާރުގައި އޮތް ޕީޕީއެމް ޕީއެންސީން ވެސް އަންނަނީ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުންނެވެ.

ޕީޕީއެމް ޕީއެންސީ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 20ވަަނަ ދުވަހެވެ. އެމްޑީޕީ ޕްރައިމަރީ އޮތީ އަންނަ މަހުގެ 26 އާއި 27ގައެވެ.

ހަމައެއާއެކު ސަރުކާރާމެދު ހިތްހަމަޖެހިވަޑައިނުގެން، ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވަން ތައްޔާރުވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި ވެސް ވާދަކުރަން ނިންމި ފަރާތްތަކުން އަންނަނީ ކެމްޕޭން ކުރަމުންނެވެ.