24 Dec 2023, 23:29
ސައުދީ އަރަބިއާގެ އަލް އަހްލީއާ ގުޅުނުތާ ހަ މަސް ދުވަހަށްފަހު، ބްރެޒިލް ފޯވަޑް ރޮބާޓޯ ފިރްމީނޯ އެ ކްލަބު ދޫކޮށްލުމަށް ވިސްނަމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އުމުރުން 32 އަހަރުގެ ލިވަޕޫލުގެ ލެޖެންޑް، ފިރްމީނޯ އަލް އަހްލީއަށް ކުޅުނު 17 މެޗުން އޭނާއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ތިން ގޯލެވެ.
އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކެމުން ނުދާތީ، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޓީމުން ފުރުސަތު ހޯދުމަށް ވެސް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
'ދަ މިރާ' އިން ރިޕޯޓުކުރާ ގޮތުގައި ފިރްމީނޯ ހޯދުމަށް މިހާރު މަސައްކަތްކުރަމުންދަނީ ލިވަޕޫލު ލެޖެންޑް ސްޓީވަން ޖެރާޑްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އެތިފާގުންނެވެ. ފިރްމީނޯއާ އެކުގައި ލިވަޕޫލަށް ކުޅުނު ޖޯޑަން ހެންޑަސަން އަދި ޖޯޖީނިއޯ ވައިނަލްޑަމް ވެސް މިވަގުތު ކުޅެމުންދަނީ އަލް އެތިފާގަށެވެ.
ފިރްމީނޯގެ އިތުރުން ވެސް އަލް އަހްލީގައި ނަން މަޝްހޫރު ކުޅުންތެރިންތަކެއް ހިމެނެއެވެ. އެގޮތުން މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވަޑް ރިޔާދް މަހްރޭޒް، އެލަން ސެއިންޓް މެކްސިމިން، ގޯލްކީޕަރު އެޑުއާޑް މެންޑީ، ފްރޭންކް ކެސީ، ގްބްރީ ވެއިގާ، މެރީހް ޑެމިރާލް އަދި ރޮޖާ އިނޭޒް ފާހަގަކޮށްލެވެއެވެ.
ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ މިވަގުތު އޮތީ ކުޅުނު 18 މެޗުން ލިބުނު 37 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.
ދެވަނައިގައި އޮތް އަލް ނަސްރާއި އަލް އަހްލީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް އަލް އަހްލީން ވަނީ އަލް ނަސްރަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.