ކްރިސްޓިއަން ދީނުގައި ފާހަގަކުރާ ކްރިސްމަސް ދުވަސް، މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ފާހަގަކުރާނަމަ އެ ކަމެއް ކުރާ ބަޔަކާ މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަ ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އެއީ ގާނޫނުގައި ހުއްދަކުރާ ކަމެއް ނޫންކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.

ރާއްޖޭގައި ރަސްމީކޮށް ކްރިސްމަސް ފާހަގަ ނުކުރި ނަމަވެސް، ރިސޯޓުތަކުގައި އެ ދުވަސް ފާހަގަ ކުރެއެވެ. އަދި އެ ދުވަސް ފާހަގަކުރުމަށް ބޭރުގެ ގިނަ ޓޫރިސްޓުން ވެސް ރާއްޖެ ޒިޔާރާތްކުރެއެވެ.

ރަށްރަށުގައި ކްރިސްމަސް ފާހަގަ ކޮށްގެން ފުލުހުން މީގެ ކުރިން އެ ފަދަ މައްސަލަތައް ބަލައިފައި ވެސް އެބަހުއްޓެވެ.

އެގޮތުން 2021ވަނަ އަހަރު އއ. އުކުޅަހުގެ ގެސްޓް ހައުސްއެއްގައި ކްރިމަސް ގަހެއް ބެހެއްޓުމުން ރަށުގެ ރައްޔިތުން ނުރުހުން ފާޅުކުރުމުން އެ ގެސްޓް ހައުސްއިން އެ ގަސް ނެގިއެވެ.

އަދި އޭގެ ކުރިން 2020ވަނަ އަހަރު ވެސް ކ. މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުން ގޮސް ނަގައިފައިވެއެވެ.

އާ އަހަރާއި ކްރިސްމަސް ޗުއްޓީއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނައިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފަދަ، މުސްލިމުންގެ އަގީދާއާ ނުގުޅޭ ދުވަސްތައް ފާހަގަ ކުރުން ގާނޫނުން މަނާކުރެއެވެ.