ހުޅުމާލެއިން ވެސް ފައިލޭރިއާގެ ކޭހެއް ބިދޭސީއެއްގެ ފަރާތުން ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި "ފައިލޭރިއާއިން ރައްކާ"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް އާބަންކޯއިން ފަށައިފިއެވެ.

މި ކެމްޕޭންގެ ތެރެއިން އާބަންކޯއިން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

އެގޮތުން ހުޅުމާލެ 12 ޒޯނަކަށް ބަހައިލައިގެން ކޮންމެ ޒޯނެއްގައި ވެސް މަދިރި އާލާވާ ތަންތަން ދެނެގަތުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެ ފަދަ ތަންތަން ނައްތައިލުމަށް ވެސް މަސައްކަތް ވަނީ ފަށައިފައެވެ.

ހަމައެއާއެކު އެ ޒޯންތަކުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި، ސްކޫލް ކުދިންނާއި، ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ގުޅިގެން ސާފުކުރުމުގެ ބޮޑު ހަރާކާތެއް ފެށުމަށް ވެސް ނިންމައިފައިވާކަމަށް އާބަންކޯއިން ބުންޏެވެ.

"ފައިލޭރިއާ ރައްކާ" ކެމްޕޭން ތެރެއިން ހުޅުމާލޭގައި މަދިރި އުފެދޭ ބައެއް ތަންތަން ދެނެގަންނަނީ -- ފޮޓޯ: އާބަންކޯ

" އަދި ސްކޫލުތަކަށާއި ސަރުކާރު އަދި އަމިއްލަ ކުންފުނި މުއައްސަސާތަކުގެ މުއައްޒިފުންނަށް މި މަހުގެ 26ވަނަ ދުވަހުން [އަންގާރަ] ފެށިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށް ގެންދެވޭނެ،" އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ ހުޅުމާލެއިން ފައިލޭރިއާގެ ކޭހެއް ފެނުމާއެކު މީގެ ދެ ދުވަސްކުރިން އެޗްޕީއޭއާއި ރެޑް ކްރެސެންޓް ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންގެ ހެލްތު ސްކީރިނިންއެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ތިލަފުށި، ގުޅީފަޅާއި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިއްޔެ ރެންޑަމް ސާމްޕަލް ނެގުން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިންވަނީ މި ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

އެތައް އަހަރެއް ކުރިން ނައްތައިލެވިފައިވަނިކޮށް، މި ބަލި އަނެއްކާ ވެސް ފެނުނީ މެޑިކަލް ސްކްރީނިން ނެތި ރާއްޖެ އެތެރެވެ، ކުޅުދުއްފުށީގައި އުޅުނު ބިދޭސީންތަކެއްގެ ފަރާތުންނެވެ.

އަދި މީގެ ދެ ދުވަސްކުރިން ހުޅުމާލޭގައި ކުރިއަށްގެންދިޔަ މައިގްރެންޓް ފެޔާގައި ބިދޭސީ 13 މަސައްކަތްތެރިން ޓެސްޓުކުރިއިރު އޭގެ ތެރެއިން އެކަކު ފައިލޭރިއާއަށް ޕޮޒިޓިވްވި ކަމަށާއި ބާކީ މީހުން ނެގެޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.