24 Dec 2023, 19:01
ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި އެޖޭންޓުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުންތައް ކުރިއަށް ދިޔައީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާއެކުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުންތަކުގައި ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން ދަރަނީގެ ރެކޯޑް ސާފުކުރާއިރު އެ ދަރަންޏާއި އެއްގޮތަށް ދައްކަމުންދޭތޯ ދަރަނި ރައްދުވާ ފަރާތަށް ފައިސާ ދެއްކުން ޔަގީންކުރުމުގެ މުހިންމު ކަމާމެދު މަޝްވަރާކުރެވުނު ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް ވިދާޅުވީ، ދުރާލައި ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ކުރާނެ ކަންތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
މި މަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އޮޓޮމެޓިކުން ކުށުގެ ރެކޯޑް ކުރެވޭނެހެން ނިޒާމެއް ގާއިމުކޮށްފައެވެ. އެހެންކަމުން ކުއްލިއަކަށް ގިނަ އަދަދެއްގެ ކުށުގެ ރެކޯޑް ސާފުކުރަަން ހުށަހަޅައިފިނަމަ، ޚިދުމަތްތަކަށް ހުރަސްނޭޅޭނެ ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވެސް އެ އޮފީހުން ބުނެއެވެ.
މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ.