އިއްޔެއާއި އޭގެ ކުރީ ދުވަހު އިތުރު ބިދޭސީން ފައިލޭރިއާއަށް ތަހުލީލުކުރުމާ އެކު އިތުރު ހަ ބިދޭސީއަކު މާލޭ ސަރަހައްދުން އެ ބައްޔަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

ރާއްޖެއިން ނައްތައިލެވައިފާ ފައިލޭރިއާ ބަލީގެ 16 ކޭހެއް ހދ. ކުޅުދުއްފުށީން ފެނުނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އޭގެ ފަހުން، އެ ސިޓީން 25 ބިދޭސީއަކު އަދި މާލޭ ސަރަހައްދުން ހަތް ބިދޭސީއަކު ވަނީ އެ ބައްޔަށް ފައްސިވެފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ފައިލޭރިއާގެ ކޭސްތަކެއް ފެނުމުގެ ސަބަބުން އެ ބައްޔަށް މީހުން ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އިއްޔެއާއި އޭގެ ކުރީ ދުވަހު މާލޭ ސަރަހައްދުގައި ޖުމުލަ 89 މީހަކު ވަނީ އެ ބައްޔަށް ޓެސްޓުކޮށްފައެވެ. އެއީ، މާލެއާއި ވިލިމާލެއާއި ހުޅުމާލެއާއި ގުޅީފަޅާއި އަދި ތިލަފުށީންނެވެ.

އެ ޓެސްޓުތަކުގެ ތެރެއިން:

  • ހުޅުމާލެއިން އިތުރު ފަސް މީހަކު ބައްޔަށް ފައްސިވެފައި

  • މާލެއިން އެކަކު ބައްޔަށް ފައްސިވެފައި

އެހެންވެ، މިހާރު ކުޅުދުއްދުއްޓާއި މާލޭ ސަރަހައްދުން ޖުމުލަ 32 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިހާތަނަށް މި ބައްޔަށް ފައްސިވެފައިވަނީ ހުސް ބިދޭސީންނެވެ.

މިހާތަނަށް މި ބައްޔަށް މާލޭ ސަރަހައްދުން ޖުމުލަ 89 މީހަކު ވަނީ ޓެސްޓުކޮށްފައެވެ. މާލޭ ސަރަހައްދުން ޓެސްޓުކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ އިތުރަށް، ކުޅުދުއްފުށީން 439 ބިދޭސީއަކާއި 155 ދިވެއްސެއް ވަނީ ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރެއިން އެ ސިޓީން ބައްޔަށް ފައްސިވީ 25 މީހުންނަކީ ވެސް ބިދޭސީންނެވެ.

ބަލިޖެހިފައި ތިބި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ގައުމުތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

ފައިލޭރިއާ ނުވަތަ ދިވެހިން ކިޔާނަމަ ފައިފަލަ ބައްޔަކީ މީގެ ކުރިން ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެކެވެ.

މި ބައްޔަކީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

މި ބައްޔަކީ ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، 12-8 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަ ބައްޔެކެވެ.