25 May 2012, 13:50
ތޫނިސް (މޭ 25): ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ވެރިކަމުން އިސްތިއުފާދެއްވައި ޤައުމުން ބޭރަށް ވަޑައިގަންނަވަން މަޖްބޫރުވި ތޫނިސްގެ ކުރީގެ ޑިކްޓޭޓާ ޒައިނުލްޢާބިދީން ބިންޢަލީ ބިން ޢަލީގެ މައްޗަށް މަރުގެ ޙުކުމެއް އިއްވުމަށް އެ ޤައުމުގެ ޕަބްލިކް ޕްރޮސެކިއުޝަނުން، ބިންޢަލީގެ މައްސަލަބަލާ ޢަސްކަރީ ކޯޓަށް ގޮވާލައިފި އެވެ.
ތޫނިސްގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނީ ބިން ޢަލީގެ ވެރިކަމާ ދެކޮޅަށް ސުލްޙަވެރިކަމާ އެކު މުޒާހަރާކުރި މީހުންގެ ގަޔަށް ބަޑިޖަހައި އެމީހުން މެރުމަށް އޭނާ އަމުރުކުރެއްވިކަން ސާބިތުވެފައިވާ އިރު މިއަމުރުގެ ދަށުން ޢާންމުންގެ ގަޔަށް ބަޑިޖެހުމުން 20 މީހަކު ވަގުތުން މަރުވެފައި ވާތީ ބިންޢަލީގެ މައްޗަށް މަރުގެ ޙުކުމް އިއްވަން ޖެހޭނެ ކަމަށެވެ. އެ ޖަރީމާގައި އޭނާގެ އިސް އަޢުވާނުންގެ 22 މީހަކު ވެސް ޝާމިލްވާކަން ސާބިތުވެފައި ވާތީ އެމީހުންގެ މައްޗަށް ޤާނޫނު ތަންދޭ އެންމެ ބޮޑެތި ޢުޤޫބާތްތައް ދިނުމަށް ޙުކުމް ކުރުމަށް ވެސް ޝަރީޢަތުގެ މަޖިލީހުގައި ޕަބްލިކް ޕްރޮސެކިއުޝަނުން ޢަސްކަރީ ކޯޓަށް ގޮވާލި އެވެ.
މިއީ ބިންޢަލީގެ މައްޗަށް ކުރެވިފައިވާ މިބާވަތުގެ އެތައް ދައްވާއެއްގެ ތެރެއިން އެންމެ ދަޢްވާއެކެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައި ވާތީ ކުރިޔަށް އޮތް ހައެއްކަ ދުވަހުގެ ތެރޭގައި ބިންޢަލީއާއި އޭނާގެ އާއުވާނުންގެ މައްޗަށް ޙުކުމް އިއްވާނެކަމަށް ޚަބަރުލިބެ އެވެ. ބިންޢަލީގެ މައްޗަށް އިއްވާނީ މަރުގެ ޙުުމެއް ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރެ އެވެ.
ބިންޢަލީގެ މައްޗަށް ކުރެވިފައިވާ ދަޢްވާތަކުގެ ތެރޭގައި މީހުން މެރުމާއި ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވުމާއި ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ޤާނޫނާއި ޤަވާޢިދާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގަވާފައިވާ 50 އަށް ވުރެ ގިނަ މައްސަލަ ހިމެނެ އެވެ. މިއިން ކޮންމެ މައްސަލައަކީ ވެސް މަރުގެ ޙުކުމް އޭނާގެ މައްޗަށް އަންނާނެ މައްސަލައެއް ކަމަށް ޤާނޫނީ މާރިހުން ބުނެ އެވެ.
ދެ ހާސް އެގާރަވަނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު ޤައުމުން ފިއްލަވައިގެން ބިންޢަލީ ވަޑައިގަތީ ސަޢޫދީ އަރަބިޔާއަށެވެ. ސައޫދީ އަރަބިޔާގެ ސަރުކާރުން ވަނީ ބިންޢަލީ އަށާއި އޭނާގެ އަނބިކަނބަލުން ލައިލާ އަށް ރަސްމީގޮތުން ރައްކާތެރިކަމާއި ޙިމާޔަތް ދީފަ އެވެ.
ބިންޢަލީގެ މައްޗަށް ކުރެވިފައިވާ 50 އަށް ވުރެ ގިނަ ދައްވާއާ ގުޅިގެން އޭނާ ކޯޓަށް ޙާޒިރުކުރުމުގެ 50 އަށްވުރެ ގިނަ ކޯޓު އަމުރު ތޫނިސްގެ ޝަރްޢީ ދާއިރާއިން ނެރެފައިވާ އިރު މި އަމުރުތަކާ ގުޅިގެން ބިންޢަލީއާއި އޭނާގެ އަނބިކަނބަލުން ތޫނިސްގެ ސަރުކާރާ ޙަވާލުކުރުމަށް ބައިނަލްއަޤްވާމީ އަމުރުތަކެއް ވެސް ނެރެފަ އެވެ. ބިންޢަލީ އާއި އޭނާގެ އަނބިކަނބަލުން ތޫނިސްގެ ސަރުކާރާ ޙަވާލުކުރުމުގެ މައްސަލާގައި ތޫނިސްގެ ބޮޑުވަޒީރު ޙައްމާދީ އަލްޖިބާލީ ވަނީ ދެ ފަހަރެއްގެ މަތިން ސަޢޫދީ ރަސްގެފާނު ޢަބްދުﷲ އާ ބައްދަލުކުރައްވައިފަ އެވެ. (އަލްޖަޒީރާ)