މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމުން މުހައްމަދު ނިމާލް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިމާލް ވިދާޅުވީ، މިވަގުތު އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން މިއަދު 15:00ން ފެށިގެން މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފި ކަމަށް ވިދާޅުވެފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނިމާލް ވަނީ މާލެ އަތޮޅަށް ޚިދުމަތް ކުރުމަށް ރައްޔިތުން ދެއްވި ފުރުސަތަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ ނިމާލްއަކީ ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މެންބަރުކަން ވެސް ކުރައްވާ ބޭފުޅެކެވެ.

މީގެ ކުރިން އޭނާ ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އެ މަގާމުން އޭނާ ވަކިކުރީ އެ ކުންފުންޏާ ގުޅޭގޮތުން ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.