އިސްލާމިކް މިނިސްޓްރީގެ ކަންކަން ޒަމާނީ ވިސްނުންތަކުގެ އަލީގައި ކުރަން ތިންކް ޓޭންކެއް ގާއިމުކުރުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.

އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަސައްކަތަކީ މިނިސްޓްރީގެ އެކި ކަންކަން ޒަމާނީ ވިސްނުންތަކުގެ އަލީގައި ކުރިއަރުވައި ތަރައްގީ ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

މި ތިންކު ޓޭންކުގައި ހިމެނޭނީ އެ މިނިސްޓްރީގެ ސިވިލް ސްޓާފުންގެ ތެރެއިން އެންމެ ތައުލީމީ ބޭބޭފުޅުން ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި، މިއީ މިއަދު ބޭއްވި އެ މިނިސްޓްރީގެ އިސްވެރިންގެ ބައްދަލުވުމުގައި ނިންމި ނިންމުމެއްކަމަށް ވެސް މިނިސްޓަރުގެ އެ ޕޯސްޓުގައިވެއެވެ.

ސަރުކާރު ބަދަލުވުމާ އެކު އެންމެ ގިނަ ކަންކަން މިހާތަނަށްކޮށްފައިވާ އެއް ވުޒާރާއަކީ، އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަސް އަޅަން އެއްބަސްވުމުގައި ސޮއި ކުރުމާއި، ގުރޭޑު 10 ނިންމާ ދަރިވަރުންނަށް އިމާމުވެ، ހުކުރު ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމާއި، އަދިވެސް އިތުރު ކަންކަން ހިމެނެއެވެ.