24 Dec 2023, 11:53
ސްކޫލު ބަންދާ ދިމާކޮށް ގިނަ ބަޔަކު އެކި ހިސާބުތަކަށް ދަތުރު ކުރަމުންދާއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އެގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އެވަރެޖްކޮށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލަށް ކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު 2:15 އަށް ށ. އަތޮޅު ފެށިގެން ފ. އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ.
ދެކުނުގެ އަތޮޅުތަކަށް ވެސް ވިލާގަނޑުގައި 30 މޭލާއި 40 ވައި ގަދަވޭނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ވެސް ކުރިއަށް އޮތް ފަސް ދުވަހު ގަދަވާނެ ކަމަށް ލަފާކުރެއެވެ. އެގޮތުން ހަތަރު ފޫޓާއި ހަތް ފޫޓަށް ރާޅޫގެ އުސްމިން ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި، ކުރިއަށް އޮތް 24 ގަޑިއިރު ވެސް މާލޭ ސަރަހައްދަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ނަމެވެސް ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރައިގެ އަސަރު ކުރުން ކުޑަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެހެންވެ، ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މެޓު އޮފީހުން ވަނީ އިލްތިމާސްކޮށްފެއެވެ. ހަމައެއާ އެކު ކުދިކުދި ޑިންގީގައި ކަނޑުމައްޗަށް ނުނިކުތުމާއި، މޫދަށް އެރި އުޅުމުގައި އޮޔަށް ސަމާލުވުމަށް ވެސް އެދެއެވެ.