24 Dec 2023, 11:29
ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ދެ މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން މުދާތައް ބަދަލުކުރި އިރު ބައެއް މުދާ ގެއްލުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މިނިސްޓްރީގެ މުދާތަކެއް ގެއްލިފައިވާ މައްސަލަ މިދިޔަ ބުދަ ދުވަހު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގެއްލުނީ ކޮން މުދަލެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން 'ސަން'އަށް މައުލޫމާތުދެމުން ސްޕޯޓްސް މިނިސްޓްރީން ބުނީ ވެލާނާގޭގައި ހުންނަ އެ ދެ މިނިސްޓްރީ ވަކި ކުރުމަށް މުދާތައް ބަދަލުކުރުމުގެ ތެރެއިން ބައެއް މުދާ މަދުކަން ފާހަގަވި ކަމަށެވެ.
އެގޮތުން ހަ މޮނީޓަރަކާއި، ދެ ސީޕީޔޫއެއްގެ އިތުރުން ބޮޑު ޓީވީއެއް ގެއްލިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފުލުހުންވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.