މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މުޅި އައްޑޫގެ އެންމެން ވަނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. އެންމެ 18 އަހަރުގެ މުޙައްމަދު ނައީޝް ނަސްރު، ފީނަށް ގޮސް އުޅެނިކޮށް ގެއްލުމުންނެވެ. އޭގެ ފަހުން ދެ ދުވަސްވެފައިވާއިރު އޭނާގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ދުވަސްވާވަރަކަށް ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ސިފައިން ބުންޏެވެ.

ނައީޝް ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ، ގަމާ ދިމާލު ބޭރުގައި ބަޔަކާއެކު އިހި ނަގަން އުޅެނިކޮށެވެ. ހަމަ އެ ރެއިން ފެށިގެން އެ ޒުވާނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ރޭ ބުނީ، ނައީޝް ހޯދުމަށް ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.

ނަމަވެސް މިހާތަނަށް ނައީޝްގެ އެއްވެސް އެއްޗެއް ވެސް ފެނިފައި ނުވާ ކަމަށް ސިފައިން ބުންޏެވެ.

ނައީޝް ހޯދުމުގެ މަސައްކަތަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ސަރަހައްދުގެ މޫސުން ގޯސްވުމެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެހެން ދުވަސްތަކަށް ވުރެން މިއަދު މޫސުން ރަނގަޅު ކަމަށެވެ. ނަމަވެސް މިއަދުވެސް އެ ސަރަހައްދަށް ވައިގަދަ ކަމަށާއި އެހެންވެ ރެސްކިއު އޮޕަރޭޝަނަށް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނައީޝް ނުފެނި ގިނަ ދުވަސްވާވަރަކަށް އަޅުގަނޑުމެންނަށް ގޮންޖެހުންތައް ބޮޑުވާނެ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެ ގޮންޖެހުން ތަކާއެކުވެސް އޭނާ ހޯދުމުގެ މަސައްކަތް ބާރުމިނުގައި ކުރަމުން މިދަނީ."

ނައީޝް ހޯދުމުގެ މަސައްކަތް ވައިގެ މަގުން ވެސް އަންނަނީ ކުރަމުންނެވެ.

ރެސްކިއު އޮޕަރޭޝަން އާއްމު ގޮތެއްގައި އެމްއެންޑީއެފްއިން ކުރިއަށް ގެންދަނީ ވަކި މުއްދަތަކަށެވެ.

އާއިލާއިން ބުނީ، އޭނާ އަކީ މޫދަށް ގަދަ ކުއްޖެއް ކަމަށެވެ. އަދި އާންމުކޮށް މޫދަށް އެރި އުޅެނީ ދުވާލު ކަމަށާއި ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ދިޔައީ ހުކުރު ދުވަހު އާއިލާއާ އެކު މާލެ އައުމަށް ހަމަޖެހިފައި އޮތުމުން ކަމަށެވެ.

މީގެ އިތުރުން އާއިލާއިން ބުނީ، މިވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައީޝްއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.