ކަންނެލި ދޯންޏެއް ރޭ ދަންވަރު ތ. ހިރިލަންދޫ ދެކުނު ފަރާތު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތ. ހިރިލަންދޫ ދެކުނު ފަރާތުގައި އޮންނަ ފަރަކަށް އަރާފައިވާ ދޯންޏެއް ފުންކުރުމަށް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު "ސްކޮޑްރަން" އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ރޭ މެންދަމު ހިނގި އެ ހާދިސާގައި ފަރަށް އަރާފައި ވަނީ "ފަތްމިނި" ނަމަކަށް ކިޔާ 78 ފޫޓްގެ ކަންނެލި ދޯންޏެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެމްޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ރޭ މެންދަން 1:23 އެހާކަންހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަށް ލިބުމާ ގުޅިގެން ދޯނީގެ ވެރިފަރާތާ ގުޅިގެން ސެންޓްރަލް އޭރިއާ އިން ދިޔައީ ދޯންޏާ މުއާމަލާތު ކުރަމުން ކަމަށެވެ. މިގޮތުން ދޯނީގެ ވެރިފަރާތުން އެ ދޯނި ފުންކުރުމަށް މިއަދު ހެނދުނު ޓަގެއް އެ ސަރަޙައްދަށް ފޮނުވުމުން، ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑުގެ ޑައިވަރުން އެ ސަރަހައްދަށް ދިޔުމަށް ފުރާފައިވާ ކަމުގަ އެވެ.

ދޯނި ފަރަށް އެރިއިރު 10 މީހުން ތިބި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ދޯނީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.