އިސްރާއީލުން ބޮމުގެ ހަމަލާތައް ދެމުން އަންނަ ސަރަޙައްދުތަކަށް މީހުން ބަދަލުވާން މަޖުބޫރު ކުރަމުންދާ ކަމަށް އދ.އިން ބުނެފިއެވެ.

ޣައްޒާގެ މެދުތެރޭގައި ތިބި މީހުން ނެރެން އިސްރާއީލުން ހުކުރު ދުވަހު ކުރި އަމުރުގައި އިސްރާއީލު ސިފައިން ވަނީ ބުރެއިޖް ރެފިއުޖީ ކޭމްޕާއި ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ދެކުނުގައި ހުންނަ ދީރް އަލް ބަލާޙް ސިޓީއާ ދިމާއަށް ދިއުމަށް އަންގައިފައެވެ. އިސްރާއީލުން އެގޮތަށް އެންގުމާއެކު ޣައްޒާގެ ގިނަ ބަޔަކު ވަނީ އެ ސަރަޙައްދު ދޫކޮށް ދެކުނަށް ބަދަލުވެފައެވެ.

އިސްރާއީލުގެ އެ ޢަމަލުގެ ސަބަބުން 150،000 މީހުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ.ގެ އިދާރާއިން ބުނެފިއެވެ.

"ޣައްޒާގެ ރައްޔިތުންނަކީވެސް އިންސާނުން. އެމީހުންގެ ގިނަ ބަޔަކު މިހާރު ވެސް އެތައް ފަހަރަކު ގެދޮރު ދޫކޮށް ގޮސްފައިވޭ." ރެފިއުޖީންނާބެހޭ އިދާރާގެ ޑިރެކްޓާ ތޯމަސް ވައިޓް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ޣައްޒާގެ އާންމުން ގެދޮރު ދޫކޮށް ދިއުމަށް މަޖުބޫރުކޮށްފައި ވަނީ ހަމަލާތައް ދެމުން އަންނަ ސަރަހައްދުތަކަށް ކަމަށާއި ޣައްޒާގެ އެއްވެސް ތަނެއް ރައްކާތެރި ނޫން ކަމަށްވެސް ތޯމަސް ވިދާޅުވިއެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ.އިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ ރައްދުގައި ކަމަށްބުނެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.