އަމިއްލަ ދިރިއުޅުމުގެ ކަންކަން އާއްމުންނަށް މާ ބޮޑަށް އެނގުމުން އާއްމުންގެ ފަރާތުން އަންނަ ޕްރެޝަރާ ހެދި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭ ކަމަށް ބަތަލާ އަނަނިޔާ ޕާންޑޭ ބުނެފިއެވެ.

ފިލްމީ ތަރިންގެ ޒާތީ ދިރިއުޅުމަށް އާއްމުންގެ ފަރާތުން ލިބޭ ސަމާލުކަމާ އެއްވަރަށް ގުޅުންތައް ހީނަރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާއްމުންގެ ފަރާތުން އަންނަ ޕްރެޝާ ކަމަށް ބޮލީވުޑްގެ އުއްމީދީ ބަތަލާ ވަނީ ބުނެފައެވެ.

އަނަނިޔާގެ މި ތުހުމަތުތަކާ ގުޅިގެން ރިޕޯޓަރުން ބުނެފައިވަނީ އަނަނިޔާ އާއި އެކްޓަރު އަދިތުޔަ ރޯއި ކަޕޫރުގެ ގުޅުން ވެސް މިހާތަނަށް ސިއްރު ކޮށްފައި އޮތުމުގެ ސަބަބަކީ މިއީ ކަމަށެވެ. ދެ ތަރިން އެކީގައި ޗުއްޓީ ދަތުރުގައި ބޭރު ޤައުމުތަކުން ފެނުމުގެ އިތުރުން ފިލްމީ ދާއިރާގެ ބައެއް އިވެންޓްތަކުން ދެ ތަރިން އެކީގައި ފެނުނު ނަމަވެސް ދެ މީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާތަނަށް މީޑިއާ އެކު ހިއްސާ ކޮށްފައެއް ނުވެއެވެ.

ފިލްމު "ކޯ ގަޔޭ ހަމް ކަހާން"ގެ ޕްރޮމޮޝަނަލް ފޮޓޯއެއް-- ފޮޓޯ/ އިންޓަނެޓް

އާއްމުންގެ ފަރާތުން ލިބޭ ސަމާލު ކަމާއެކު ފިލްމީ ތަރިންގެ ގިނަ ސިއްރުތައް ބޭޒާރުވުމުގެ އިތުރުން އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެއް ފެންމަތިވުމާ އެކު ފިލްމީ ތަރިން އެކަކު އަނެކަކަށް މައްސަލަ ޖެހުމުގެ ފުރުސަތު ވެސް ބޮޑު ކަމަށް އަނަނިޔާ ވަނީ ބުނެފައެވެ. އަނަނިޔާ ގަބޫލުކުރާ ގޮތުގައި ފިލްމީ ތަރިންގެ ޒާތީ ހަޔާތަށް އާއްމުންގެ ފަރާތުން އެ އޮންނަ ޝައުގުވެރިކަން ގަބޫލު ކުރެވޭ ކަމަށާއި ނަމަވެސް އޭގެ ނޭދެވޭ އަސަރު ވެސް އެ ތަރިންގެ ދިރިއުޅުމަށް ކުރާކަމަށް އާއްމުން ގަބޫލު ކުރަންވާނެ ކަމަށެވެ.

ކުރީގެ އެކްޓަރު ޗަންކޭ ޕާންޑޭގެ ދަރިފުޅު އަނަނިޔާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި ހަފުތާގެ އަންގާރަ ދުވަހު ރިލީޒް ކުރާ ފިލްމު "ކޯ ގަޔޭ ހަމް ކަހާން" އިންނެވެ. މި ފިލްމު ޕްރިމިއާކުރުމަށް ނިންމާފައި ވަނީ ނެޓްފްލިކްސް މެދުވެރިކޮށެވެ.