މިދިޔަ ނޮވެމްބަރު މަހު ނެޓްފްލިކްސްގައި ރިލީޒްކުރި ފިލްމު "ދަ އާޗީސް"އިން ފިލްމީ ދާއިރާއަށް ނުކުތް ބަތަލާއިން ކަމަށްވާ ޚުޝީ ކަޕޫރާއި ސުހާނާ ޚާން އަކީ ވާދަވެރިންގެ ގޮތުގައި ނުދެކޭ ކަމަށް ބަތަލާ ތާރާ ސުތާރިއާ ބުނެފިއެވެ.

ފިލްމު "ސްޓޫދަންޓް އޮފް ދި އިޔާ2"އިން 2019 ވަނަ އަހަރު ބޮލީވުޑަށް ތަޢާރަފުވި ބަތަލާ އިންޑިއާގެ ނިވްސް ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ފިލްމީ ދާއިރާއަށް ނުކުންނަ ކޮންމެ ފިލްމީތަރިއަކީ ވެސް އަމިއްލަވަންތަ ކަމެއް ހުންނާނެ ތަރިއެއް ކަމަށެވެ. ތާރާ ފިލްމީ ދާއިރާއަށް ނުކުތްއިރު ވެސް ހިންދީ ސިނަމާއަކީ ތޮށްޖެހިފައި އޮތް ތަނެއް ގޮތަށް ސިފަ ނުކުރެވޭ ކަމަށާއި އާދަޔާ ޚިލާފު ވާދަވެރި ކަމެއް އޮތް ކަމުގެ އިހުސާސް ނުކުރެވޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

"ދަ އާޗީސް"އިން ބޮލީވުޑަށް ތަޢާރަފްވި ޚުޝީ ކަޕޫރު، ސުހާނާ ޚާން އަދި އަގަސްތަޔާ ނަންދާ-- ފޮޓޯ/ އިންޓަނެޓް

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް އަނެކާއާ އެކު ބާއްވަން ވާނީ ދުޅަހެޔޮ ވާދަވެރި ކަމެއް ކަމަށާއި އޭގެ ނޭދެވޭ އަސަރު އަމިއްލަ ދިރިއުޅުމާއި ކެރިއަރަށް ވިޔަދީގެން ނުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު ބޮލީވުޑަށް ތަޢާރަފުވި ތާރާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދާފައި ވަނީ މަދު ފިލްމު ތަކެކެވެ. އެހެންނަމަވެސް ފިލްމީ ދާއިރާގައި މިހާރު ހުރި މަޤާމާ މެދު ހިތްހަމަޖެހޭ ކަމަށާއި ހުނަރުވެރި އާ މޫނުތަކެއް ސިނަމާއިން ފެނުމަކީ ތާރާ ވެސް އުފާކުރާ ކަމެއް ކަމަށް 28 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ފިލްމު "މަރުޖާވާ" އަދި "ތަޅަޕް" ފަދަ ފިލްމުތަކުން ފެނިފައިވާ ބަތަލާ އެންމެ ފަހުން ޑައިރެކްޓަރު ނިކިލް ނާގޭޝްގެ ތުރިލަ ފިލްމު "އަޕުރްވާ"އިންނެވެ.