ޤާހިރާ (މޭ 25): އެެމެރިކާގެ ސަރުކާރުތަކަކީ އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ސަރުކާރުތަކެއް ކަމަށާއި އެމެރިކާގައި ބާރުގަދަކޮށްފައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ޖަމާއަތްތަކުން އެމެރިކާގެ ނިންމުންތަކަށް ނުފޫޒު ފޯރުވަމުންގެންދާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ ވިދާޅުވެއްޖެ އެވެ.

މިސްރުގެ އަލްއަޒްހަރު ޔުނިވަސިޓީގެ ޝައިޚުލް އަޒްހަރު ޑރ. އަޙްމަދުއްތައްޔިބުއާ ޤާހިރާގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ކާޓާ ވިދާޅުވީ އެެމެރިކާގެ ސަރުކާރުތަކަކީ އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ސަރުކާރުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި އެމެރިކާގެ އިތުބާރުގެއްލި މުސްލިމުންގެ ކުރިމަތީގައި އެމެރިކާގެ އަގުވެއްޓިފައިވާ ކަމަށެވެ. ފަލަސްތީނުގެ މައްސަލަ ޙައްލުކުރުމުގައި އެމެރިކާ އަށް އެއްވެސް މިންވަރެއްގެ ކާމިޔާބެއް ނުލިބުމުގެ ފަހަތުގައި ވަނީ ވެސް އެމެރިކާގެ ސިޔާސަތުތައް އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވުން ކަމަށް ކާޓާ ސިފަކުރެއްވި އެވެ.

އެމެރިކާގެ ސިޔާސަތުތަކަށް ބާރާއި ނުފޫޒު ހިންގާ ޔަހޫދީ ހަރުކަށި ޒަޔަނިސްޓް ޖަމާއަތްތަކުގެ ދައުރަށް ބައްލަވާލައްވަމުން ކާޓާ ވިދާޅުވީ އިސްލާމީ ޤައުމުތަކާއި އެމެރިކާއާ ދެމެދުގައިވާ ނުތަނަވަސްކަމާއި އިތުބާރުގެ މައްސަލައިގެ ފަހަތުގައި ވަނީ މިހަރުކަށި ޔަހޫދީ ޖަމާއަތްތައް ކަމަށާއި އެމެރިކާގެ ޒަޔަނިސްޓް ލޮބީ ޖަމާއަތްތަކަކީ އަމިއްލަ އެދުމާއި ހަސަދައިން ފޯވެފައިވާ ޖަމާއަތްތަކެއް ކަމަށެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކަށް ބައްލަވާލައްވަމުން ކާޓާ ވިދާޅުވީ އެމެރިކާގެ ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރެއް ކަމަށްވާ ނިއު ކޮންޒަވެޓިވް ފިކުރުގެ ސަބަބުން ހަނގުރާމަ އާއި ތަޅާފޮޅުމުގެ ކަނޑަކަށް އެމެރިކާ ޣަރަޤުވެ އެކަމުގެ ސަަބަބުން އެެމެރިކާގެ އިޤްތިސާދު އިނދަޖެހިފައިވަނިކޮށް އެކަން ހައްލުކުރުމުގައި އޮބާމާ ކާމިޔާބު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ކުރަމުންގެން ދިޔަ ލޭއޮހޮރުވުން ބޮޑު ހަނގުރާމަތަކުން އެމެރިކާ ސަލާމަތްކޮށް އަމާން އައްސޭރިއަކަށް އެމެރިކާ ގެންދިޔުމުގައި އޮބާމާ މިހާތަނަށް ކުރައްވާފައިވާ މަސައްކަތްތަކަށް ތާރީފު ޙައްޤު ކަމަށް ކާޓާ ވިދާޅުވި އެވެ.

އިސްލާމީ ޤައުމުތަކާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރުމާއި އެ ޤައުމުތަކަށް އަރައިގަތުމުގައި ޖޯޖް ޑަބްލިޔުބުޝްގެ ވެރިކަމުގައި އެމެރިކާ ގެންގުޅުނު ހަރުކަށި ސިޔާސަތުތަކުގެ ބަދަލުގައި އޮބާމާގެ ސަރުކާރުން ގެންގުޅޭ މަޑުމައިތިރި، ސުލްޙަވެރި ސިޔާސަތުތަކުގެ ސަބަބުން ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުރުހުން އޮބާމާ އަށް އަމާޒުވެފައިވާ ކަމަށް ކާޓާ ވިދާޅުވި އެވެ. އެހެންކަމުން ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބު އޮބާމާ އަށް ކާމިޔާބުވިޔަ ނުދިނުމަށް ޔަހޫދީ ޖަމާއަތްތަކުން މަަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ކާޓާ ވިދާޅުވި އެވެ.

މީގެއިތުރުން ބައިނަލްއަޤްވާމީ ސިޔާސަތު ބިނާވެފައި ވަނީ ބާރުގަދަ ފަރާތްތަކުން ބާރުދެރަ ފަރާތްތަކުގެ މައްޗަށް އަތްގަދަ ކުރުމުގެ ބޯދާ އަދި އިސްތިޢްމާރީ އުސޫލުތަކުގެ މައްޗަށް ކަމަށާއި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ނަމުގައި އަޑުއުފުލަމުން ގެންދިޔަ ނަމަވެސް ޒަމާނުއްސުރެ ދުނިޔޭގައި ހިނގަމުންދާ ބާރުގަދަ ފަރާތްތަކުން ބާރު ދެރަ ފަރާތްތަކުގެ މައްޗަށް އަތްގަދަ ކުރުމުގެ ބޯދާ އަދި އިސްތިޢްމާރީ އުސޫލުތައް އަދިވެސް ބަދަލުނުވާކަމަށް ކާޓާ ވިދާޅުވި އެވެ. (އަލްޢާލަމް)