ޝަރަފް އަބްދުﷲއާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނުމަށް ހަމަޖެހިފައިވާ ލޯބީގެ ޑްރާމާ ފިލްމު "މިއީ އިޝްގު"އިން އާ މިއުޒިކް ވީޑިއޯއެއް ރިލީޒްކޮށްފިއެވެ.

މިއީ އިޝްގު ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު މިހާރު ޕްރޮޑަކްޝަނުން އަންނަނީ ފިލްމުގެ ސައުންޑްޓްރެކް ރިލީޒް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފިލްމުގެ ސައުންޑްޓްރެކުން އެންމެފަހުން ރިލީޒްކޮށްފައިވަނީ "އަންނާށޭ އުދުހިލާ" އެވެ.

ލޯބީގެ އުފާވެރި ޓޯންތައް ހިމެނޭ މި ލަވަ ކިޔާފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަލީ އިނާން ސައީދު (އައްޔު) އެވެ. ލަވައިގެ ލިރިކްސް އަދި މެލޮޑީގެ މަސައްކަތް ވެސް ކޮށްފައިވަނީ އައްޔުއެވެ.

މިއުޒިކް ވީޑިއޯއާ އެކު ލަވަ ރިލީޒްކޮށްފައިވާއިރު މި ލަވައިގެ މިއުޒިކް އަދި މާސްޓަރިންގެ މަސައްކަތް ކޮށްފައިވަނީ ޝަހީދު ލެގަސީއެވެ. އަދި މިއުޒިކް ވީޑިއޯގެ ސިނެމެޓޮގްރަފީގެ މަސައްކަތް އަހުމަދު ޒިފާފް ކޮށްފައިވާއިރު ކަލަ ގްރޭޑިންގެ މަސައްކަތް ކޮށްފައިވަނީ މުހައްމަދު އައިމަނެވެ.

މި ލަވައިގެ އިތުރުން ވެސް މިހާރު ވަނީ ސައުންޑްޓްރެކުން ޓައިޓަލް ލަވަ ވެސް ރިލީޒްކޮށްފައެވެ. މި ލަވައިގެ މިއުޒިކް ވީޑިއޯއެއް ވެސް ވަނީ އާންމުކޮށްފައެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު އިއުލާނުކޮށް ފިލްމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ފިލްމުގެ ޝޫޓިންގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ނިންމާލާފައިވާއިރު މިހާރު އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ ތެރޭގައި ރިލީޒް ކުރުމަށެވެ. ޓީމުން އާންމުކޮށްފައިވާގޮތުގައި އަންނަ މަހުގެ ހަވަނަ ދުވަހު ފިލްމު ޕްރިމިއާ ކުރާނެއެވެ.

މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒް އެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.