"ހާދަ ހާސްވެފަ؟" އޭނާ ދިއްކޮށްލި ފެންތަށިނަގާ ހެންރީ އެއްފަހަރާ އެ ފެންތަށި ބޯލިއެވެ.

“ކަމެއް... ކަމެއްނުވޭ…" ހާސްކަމާއެކު ހެންރީ ބުނެލީ އޭނާއަށް ބުނާނެ އެއްޗެއް އެވަގުތު ނުވިސްނުމުންނެވެ.

"އަހަރެން ތިގެނައީ ކޮން ބޭނުމަކު…" އެމީހަކު އޭނާ ގެންނާނީ ރަނގަޅު ބޭނުމަކުނޫންކަން އެނގޭތީ ހެންރީ ބުނެލިއެވެ.

"ވަރަށް ބަރާބަރު. އެއީ އަހަންނަށް ހެންރީ ކަމުދާ ސަބަބަކީ. ބުނުމުގެ ކުރިން އަބަދުވެސް އަހަރެންގެ ބޭނުން އެނގޭނެ." އެމީހާގެ އަޑުގައިވަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.

"މިސްޓަރ ފުއާދު. މިފަހަރު އަހަރެންގެ ކިބައިން ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟" ހަމަޖެހެން މަަސައްކަތް ކުރަމުން ހެންރީ ބުނެލުމާއެކު، ފުއާދުގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުން ވުމެއް ވެރިވިއެވެ. ހީވާކަހަލައެވެ. އޭނާއަށް މާކުރިންވެސް ހެންރީގެ އެ ޖަވާބު އެނގެއެވެ.

"ސްމާރޓް… ކިހާވަރެއް ބޭނުންވަނީ؟" ފުއާދު ބުންޏެވެ.

"ކިހާވަރެއްގެ ކަމެއް ބޭނުންވެގެން ތިއުޅެނީ؟" ހެންރީއާއި ފުއާދުވެސް ދިޔައީ ފަރިތަކަމާއެކު އިނގިރޭސިން ވާހަކަ ދައްކަމުންނެވެ. ފުއާދުގެ އެދުމަކީ ކުޑަކަމަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތުމާއެކު، ހެންރީ ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބު ނުދިންނަމަވެސް، ފުއާދުގެ ބޭނުންމަކީ ކޮން ކަހަލަ ކަމެއްކަން ހެންރީއަށް އެނގި ސާފުވެއްޖެއެވެ.

"ހަތްލައްކަ ޑޮލަރަށް ވާނެތަ؟" ފުއާދު ކޮށްލި ސުވާލާއެލު ހެންރީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

"ނޫނީ ހޮސްޕިޓަލް ބިލުތައް ދައްކާލަދޭންވީތަ؟" އެއްޗެއް ނުބުނެވި އުޅެނިކޮށް ފުއާދުގެ ފަރާތުން އޭނާއަށް އަމާޒުވި ދެވަނަ ސުވާލާއެކު ހެންރީއަށް ފުއާދަށް ބަލާލެވުނެވެ. ކުޑަ ހައިރާންކަމެއް ލިބުނު ނަމަވެސް، ދާދި ފަސޭހައިން އޭނާގެ މޫނުމަތިން އެ ކުލަވަރުތައް ވެސް ފިލައިގެން ހިނގެއްޖެއެވެ. ފުއާދަކީ ކޮންކަހަލަ މީހެއްކަން ވަރަށް ރަނގަޅަށް ހެންރީއަށް އެނގެއެވެ. ދެވަނަ ފަހަރަށް ފުއާދުގެ އެދުމަށް ކަމެއް ކުރުމުގެ ކުރިން އެތަކެއްފަހަރަކު އޭނާ ވިސްނާނެއެވެ.

"އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ހެންރީ ބުނެލިއެވެ. އޭނާއަށް ފުއާދުގެ ބޭނުން އެނގޭފަދައެވެ. ދުލުން ނުބުނި ނަމަވެސް ހުރިހާކަމެއް އޭނާގެ ހިތުގެތެރޭގައި އެތުރެމުން ދިޔައެވެ.

"ވިސްނާނެވަރަކަށް ވިސްނަންވީ. އަހަންނަށް ހެންރީގެ ޙާލަތު ވަރަށް ރަނގަޅަށް އެނގޭ. މާގިނަ ދުވަހު އެ ހޮސްޕިޓަލުގައި ބާއްވައިގެން ކަލޭގެ އަންހެނުންނަށް ފަަރުވާކުރާނެހާ ފައިސާއެއް ކަލޭގެ އަތަކު ނެތް. ހޮސްޕިޓަލުގެ ތިން ހަފްތާގެ ބިލުތައް ހުރީ ޕެންޑިންގަ. އެހެން އެއްވެސް އޮޕްޝަނެއް ކަލެއަށް އެބަ އޮތްތަ؟" ފުއާދުގެ ވާހަކަ އާއެކު ފުންކޮށް ހެންރީއަށް ވިސްނާލެވުނެވެ.

"އަންހެނުން ސަލާމަތްކުރަން ބޭނުމިއްޔާ އަހަރެން މި ބުނާ ކަންތައް ކޮށްދޭންވީ. އޭރުން ހުރިހާކަމެއް ނިމުނީ." ހެންރީގެ ބަލިކަށިކަމުގެ ފައިދާ ނަގަމުން ދިޔަ ފުއާދަށް އޭނާގެ މޫނުމަތީގައިވާ އަސަރުތައް ދެނެގަނެވުމާއެކު، ވާހަކަ ދެއްކިއެވެ. ހެންރީ ލައްވާ ކަންތައްކުރުވާނެ ގޮތް ފުއާދަށް އެނގޭ ފަދައެވެ. އޭނާގެ ލޯބިވާ އަންހެނުން އެލިޒެތް ގެ މަތިން ހަނދާންވެ އޭނާއަށް މަޑުމޮޅިކަމެއްވެރިވިއެެވެ.

"ކޮން ކަމެއް އަހަރެން ކޮށްދޭންވީ؟ އެކަމަކު ހަފްތާއާއެއްހާ މުއްދަތެއް އަހަންނަށް ދީ " ކުއްލިއަކަށް ފުއާދަށް ބަލާލާފައި ހެންރީ ސުވާލުކޮށްލުމާއެކު ފުއާދުގެ ތުންފަތް މައްޗަށް ފުޅާހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހެންރީގެ ވާހަކަތައް ހުރި ގޮތުން އޭނާ ހީވަނީ އޭނާގެ އަމިއްލަ ނަފްސުވެސް ބޭނުންވާ ގޮތް ޔަޤީންނުވެފައި ހުރި ހެންނެވެ.

ހެންރީ ފުއާދުގެ ވާހަކަތައް އަޑު އަހަން އިންއިރު، އޭނާގެ ސިކުނޑީގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. މީހާގެ އަތަށް މަޑުމަޑު ތުރުތުރުއެޅުމެއް ވެރިވީ އެލިޒެތްގެ ހަނދާންތައް އާވެފައެވެ. އެލިޒެތް އެންމެ ފަހު ފަހަރަށް އޭނާއާ ދިމާލަށް ބުނެފައިވާ ބަސްތައް ހަނދާންވުމާއެކު، ހެންރީ ފެންކަޅިވިއެވެ.

އެތަނުން ހެންރީ ނުކުމެގެން ދިޔުމާއެކު، ފުއާދު އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. ހެންރީގެ ސިކުނޑިއާ ކުޅެވުނުކަމުގެ ޔަޤީންކަމާއެކު، އޭނާއަށް ބާރަށް ހީނގަނެވުނެވެ. އެތަނުގައި ހުރި ވައިން ގްލާސްތަށި ނަގާފައި އެއަށް ބަލާލާފައި އޭނާ ތުމުގައި އެ ޖައްސާލީ ކަމަކާ އުފާކުރާ ޙާލުގައެވެ. ފައިސާ ހުރިއްޔާ ހުރިހާކަމެއްވެސް ވާނެކަމުގެ ޔަޤީންކަން ފުއާދަށް އޮވެއެވެ. އެހެންނަމަވެސް އޭނާއަށް ނޭނގުނުކަމަކީ ދުނިޔޭގެ އުސޫލަކީ އަޖައިބެއްފަދަ އެއްޗެއް ކަމެވެ. އުފަލުގެ މައްޗަށް ކޮންމެ ފަދަ ވަގުތަކުވެސް ހިތާމަޔާއި ހިތްދަތިކަން އަތްގަދަކޮށްފާނެކަމެވެ. އިންސާނުންނަށް ވުރެ މޮޅަށް ކަންތައްތައް ދެނެވޮޑިގަންނަވާ ކަލަކު ހަތްއުޑުމަތީގައި ވޮޑިގެންވާކަން ހަނދުމަވާވަރަށްވުރެ ދުނިޔޭގެ އުފާތަކަށް ފުއާދުވަނީ އިސްކަންދީފައެވެ.

ފުއާދާ ބައްދަލުކޮށްފައި ނުކުމެގެން ދިޔަ ހެންރީގެ މޫނުމަތިން ނުތަނަވަސްކަން ފެންނަމުން ދިޔައެވެ. ލަންޑަންގެ އެ ފިނި މާހައުލުގައި އެ ފުޅާމަގުން ހިނގަމުން އޭނާ ދިޔައިރު، ފިނިދަލެއް މީހާގެ އަތާއި މޫނުން ހިއްލާލާފައި ވެއެވެ. ވަށައިގެންވާ މާހައުލުގެ އެއްވެސް ކަމަކަށް ހެންރީއަށް ސަމާލުކަން ދެވޭގޮތެއް ނުވެއެވެ. އޭނާގެ ސިކުނޑީގައިވަނީ ފުއާދު ދެއްކި ވާހަކަތަކެވެ. އަދި އޭނާގެ އަނބިމީހާގެ އެންމެ ފަހުގެ ބަސްތަކެވެ.

އިރުއިރުކޮޅަކާ ފުންނޭވާއެއް ލަމުން ދިޔަ ހެންރީ ހީވަނީ ނޭވާލާންވެސް އުނދަގޫވެފައި ހުރިހެންނެވެ. ހިނގަ ހިނގާ ވަރުބަލިވީފަހުން ހެންރީގެ ދެފައިން ވަރު ދޫވާން ފެށިއެވެ. ހިނގަމުން އާދެވިފައިހުރި ހިސާބުވެސް އޭނާއަށް ރޭކާލީ ދެނެވެ. މަގުގެ ދެކޮޅަށް ބަލާލުމާއެކު އޭނާ ހުސް ޓެކްސީއެއް ހުއްޓުވާ އެއަށް އަރައިގެން ދިޔައީ ހޮސްޕިޓަލަށެވެ.

އައިސީޔޫއަށް ވެދެ އެލިޒެތްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނުމާއެކު ހެންރީ އެ އަތުގައި ހިފާލާފައި ގެނެސް ނިތްކުރީގައި ޖައްސާލިއެވެ. އެއަށްފަހު އެ އަތަށް ބޮސްދިނެވެ. އެ މޫނަށް ފުންކޮށް ބަލާލުމާއެކު އެލިޒެތް އާއި އޭނާއާ އެންމެ ފަހުން ދެކެވުނު ވާހަކަތައް ފިލްމެއްގެ މަންޒަރެއްފަދައިން އޭނާގެ ލޯ ކުރިމަތީގައި ނިއުޅެން ފެށިއެވެ.

*****

ހެންރީ ގެއަށް އައިސްވަތްއިރު، އޭނާގެ އަންހެނުން އެލިޒެތްހުރީ ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭރު އޭނާގެ އަތުގައި ކަޅު ކުލައިގެ ފައިލެއް އޮތެވެ. ގެއަށް ހެންރީ ވަތްކަން އެނގުމާއެކު އޭނާ ފަސްއެނބުރި ބަލާލައިފިއެވެ. އެލިޒެތްގެ މޫނުމަތިން އޭނާ ރޮއިފައި ހުރިކަމުގެ އަސަރުތައް ރީއްޗަށް ހެންރީގެ ލޮލުގައި އަޅައިގަތެވެ.

"ހަނީ… ވަޓް ހެޕެންޑް؟" އެލިޒެތްއަކީ ހެންރީ އެންމެ ލޯބިވާ އޭނާގެ އަނބިމީހާއެވެ. އަނބިމީހާގެ މޫނުމަތިން އެފަދަ މާޔޫސްކަމެއް ފެނުމާއެކު އޭނާއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. އޭރު އޭނާގެ ލޮލުގައި އެލިޒެތްގެ އަތުގައި އޮތް ފައިލްވެސް ނުފެންނަ ފަދައެވެ. އެލިޒެތްގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމާއި ހިތާމަ ހެންރީ ހާސްކުރުވާފައިވެއެވެ.

"އަހަރެންގެ ގައިގައި އަތް ނުލާތި! ދުރަށް ދޭ…" އޭނާގެ ކަރުނަތައް ފުހެދޭން ހެންރީ އުޅުމާއެކު ދެއަތުން ހެންރީގެ މޭގައި އަޅާފައި އޭނާ ކޮށްޕާލަމުން އެލިޒެތް ވާހަކަ ދެއްކިއެވެ. އޭރު އޭނާ ދިޔައީ ރުޅިއާ ހިތާމަ އެކުވެގެން ތުރުތުރު އަޅަމުންނެވެ. އެލިޒެތްގެ އަތުގައި އޮތް ފައިލު ހެންރީއަށް ފެނުނީ ދެނެވެ.

"މި ކޯންޗެއް؟" އެ ދައްކާލަމުން އެލިޒެތް ސުވާލުކޮށްލިއެވެ.

"ތި… ކޮންތާކުން ތި ހޯދީ އެލީ؟ ގެނޭ އަހަރެންގެ އަތަށް." ހެންރީ އަވަސް އަވަހަށް ބުނެލިއެވެ. އެއަށްފަހު އޭނާ އެލިޒެތްގެ އަތުން އެ ފައިލް އަތުލަން އުޅެން ފެށިއެވެ.

"އަހަރެން ބުނެފީމެއްނު އަހަރެންގެ ގައިގައި އަތް ނުލާށޭ… ދުރުގަ ހުރޭ. ކަލޭގެ މުޑުދާރުއަތުން އަހަރެންގެ ގައިގައި އަތް ނުލާތި." އެލިޒެތްއަށް ހަޅޭއްލަވައިގަނެވުނެވެ. ކައިވެންޏެއް ކޮށްގެން އުޅޭތާ އެތައް އަހަރެން ފާއިތުވެގެން ދިޔައިރުވެސް އެ ދެމަފިރިންނަށް ދަރިއެއް ނުލިބެއެވެ. އެހެންނަމަވެސް، އެއީ އުފަލާ ހަމަޖެހުމުގައި ލިބިގެން އުޅޭ އެއްޗަކުން ފުއްދާލައިގެން އުޅެމުން ދިޔަ ދެމަފިރިންނެވެ. ހެންރީއަކީ އާދައިގެ ކުޑަ ގަރާޖުގަނޑެއްގައި މަސައްކަތް ކުރާ މެކޭނިކެކެވެ. ކިޔަވާނެ ތަނަވަސްކަން ނެތުމުން ނުކިޔެވިފައި ހުއްޓާ އެކުވެރިއެއްގެ ބައްޕަގެ ފަރާތުން އެ މަސައްކަތް ދަސްކޮށް އޭނާ އެކަން ކުރަަން ފެށީއެވެ.

"ތީ އަދި ހަޤީގަތެއް ނޫނޭ އެލީ… އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ!" ހެންރީގެ އާދޭސްތަކަށް އެލިޒެތް ދިނީ ބީރުކަންފަތެކެވެ.

"ކޯންޗެއް އޮތީ އަޑު އަހަން. ތީ އިންސާނެއްތަ؟ މީ… މީ ކޯންޗެއް؟ މީގަ މިހުރި ފޮޓޯތަކާއި މި ލިޔުންތައް… ލާރި ނަގާފައިވާ މި ލިޔުންތައް… މީގެން މި ބުނެދެނީ ކީކޭ؟ ހެންރީގެ އަތުގައި މި އެއްޗެހި ހުންނަން ޖެހުނީ ކީއްވެ؟ ކޮބާ ބޭނުމަކީ…މީ… އެމީހުން އެކްސިޑެންޓް ވެފަ އޮތް ކާރު… ހެންރީ… ބުނޭ. އަހަރެންގެ ކައިރީގައި ތެދުބުނޭ. އެ އެކްސިޑެންޓް ހިނގި ދުވަސްކޮޅު ހެންރީގެ އުޅުން ހުރި ގޮތާމެދު އަހަންނަށް މިއަދު މި ވިސްނާލެވުނީ... ތީ ހާދަ ރަހުމު ކުޑަ މީހެކޭ. އެ މީހުންގެ ހަށިތަކުގެ ފޮޓޯތައް. އެ މަންޒަރު، ހެންރީ އަތުގައި..... މި އެއްޗެހި ހުރުމުގެ ސަބަބަކީ އެއީ އެއް ނޫންތަ؟ އަހަރެން ހިޔެއް ވެސް ނުކުރަން…." ވާހަކަ އެހިސާބަށް ބުނެފައި ކުރިއަށް ގެންދަން އުނދަގޫވެގެން އުޅޭފަދައަކުން ވާހަކަ ހުއްޓާލިއިރު އޭނާއަށް ގިސްލެވެއެވެ. ކަރުނަތައް ހޯސްލާފައި ރޮނގުދެމިގެން ތިރިއަށް ދާން ފެށިއިރު އެ ފައިލުވެސް އަތުގެ ކޮޅަށް ހޫރައިލެވުނެވެ.

"އަހަންނެއް ނޫނޭ އެލީ…." އެލިޒެތްއަށް ހުރިހާ ހަޤީގަތެއް އެނގުނުކަން ޔަޤީންވުމާއެކު، ވެސް ހެންރީއަށް ތެދު ހާމަކުރާކަށް ނުކެރުނެވެ. އެލިޒެތް ދެރަވާކަމެއް ކުރުމަކީ އޭނާ ދުވަހަކުވެސް ބޭނުންވި ކަމެއް ނޫނެވެ.

"މިވަރު ބޮޑުކަމެއް ކުރަން ޖެހުނު ސަބަބެއް ހެންރީ އަހަންނަށް ބުނެދީބަލަ." އެލިޒެތް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"ކީއްވެތަ ވާހަކަ ނުދައްކަނީ. ކީއްވެތަ އެއްޗެކޭ ނުބުނަނީ…" ރޮމުން ރޮމުން ދިޔަ އެލިޒެތް ހެންރީގެ މޭގައި ގޮށް މުށުން ޖެހިއެވެ.

"ހަމަ އެއްވެސް އެއްޗެއް ނުބުނަންތަ ތި ހުންނަނީ އޭތް. ދުވަހަކުވެސް އަހަރެންދެކެ ލޯބިވީނަމަ ތެދު ބުނޭ…" އެލިޒެތްއަށް އެންމެ ފަހުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އޭނާ ވަރުބަލިވީއެވެ. ހެންރީ ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އެލިޒެތް އަތް ދައްކާލުމާއެކު ހެންރީ މަޑުޖެހުނެވެ.

"ތެދު…" އެލިޒެތް އޭނާގެ ޝަހާދަތް އިނގިލި ދައްކާލަމުން ބުނެލިއެވެ.

"ސަބަބު ބުނޭ…" ހެންރީގެ ހިމޭންކަންވެސް އެލިޒެތްއަށް އުނދަގޫކުރުވަމުން ދިޔައެވެ.

"ފޯ ޔޫ މައި ލަވް…" އެންމެ ފަހުން ހެންރީއަށް ބުނެވުނެވެ. އޭރު އޭނާގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

"ކީކޭ؟" އެލިޒެތްއަށް އަހާލެވުނެވެ.

"ފޯޔޫ މައި ލަވް. އިޓް ވޯޒް އޯލް ފޯ ޔޫ…" ހެންރީއަށް ބުނެވުނެވެ.

"އަހަންނަށްޓަކައޭ. އަހަންނަށްޓަކާ މީހެއްގެ ފުރާނަ ނަގާލަން ހެންރީއަށް ކެރެން ޖެހުނީ ކީއްވެ؟" އެހެން ބުނެލާފައި މަޑު ޖެހިލާފައި އަނެއްކާވެސް އެލިޒެތް ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެންގެ ބައްޔަށް ބޭސް ކުރަން؟ އަހަރެންގެ މި ކެންސަރަށް ބޭސް ކުރަން؟" އިތުރު ހިތްދަތިކަމެއް އެލިޒެތްއަށް ލިބިގެން ދިޔައެވެ.

"ހެންރީ އެފަދަ ކަމެއް ކުރީ އަހަރެންގެ ސަބަބުން. އަހަރެންނަކީ ގާތިލެއްތަ؟" އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔަ އެލިޒެތް ބުނެލިއެވެ.

"އަަހަރެންގެ މި ކެންސަރަކީ ބަޔެއްގެ ފުރާނަ ގެއްލުމުގެ ސަބަބުތަ؟" އެލިޒެތްއަށް އޭނާގެ މޭގައި އަތް ޖައްސާލެވުނެވެ. އެލިޒެތް އަށް ހުރިތަނަށް ތިރިވެވުނެވެ. ހެންރީއަށް ވެސް އިސްޖަހާލެވުނެވެ. ލޯބިވާ އަނބިމީހާގެ އެ ޙާލުގެ ޒިންމާ ނަގަން ޖެހޭނީ އޭނާކަމަށް ވީނަމަވެސް، ހިތުން އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔަ ނަމަވެސް، ފުއާދުގެ ބަސްތައް މަތިން އޭނާ ހަނދާންކޮށްލިއެވެ. އޭނާ އެ ހުރިހާކަމެއް ކުރީވެސް އޭނާގެ ލޯބިވާ އަނބިމީހާގެ ހައްޤުގައެވެ. އަނބިމީހާގެ ފުރާނަ ސަލާމަތްކުރުމަށެވެ. އިންސާނާގެ ހިތަކީ ވެސް އަޖައިބުކުރުވަނި އެއްޗެކެވެ. ނުބައިކަމެއްކޮށްފިނަމަ އެ ހިތް ނުތަނަވަސްވަނީ އެކުރާކަމެއްގެ ނުބައިކަން އިޙްސާސްވާ ފަދައަކުންނެވެ. އެހެންނަމަވެސް ގިނަ ފަހަރު އިންސާނުން ބޭނުންވަނީ އެ އިޙްސާސްއާ ދުރުވެ އެކުރެވުނު ކަމަކީ މަޖުބޫރީ ޙާލަތެއްގެ ސަބަބުން ކުރެވުނުކަމެއްކަމުގައި އަމިއްލަ ހިތަށް ވިސްނައިދީ ކުށުން ރެކިގަންނާށެވެ. ހެންރީއަށް ވެސް ވެފައިވަނީ އެފަދަ ގޮތަކެވެ. ކުރެވުނީ ބޮޑު ކުށެއްކަން އޭނާއަށް އެނގުނު ނަމަވެސް، ގަބޫލުކުރަން ބޭނުންނުވަނީއެވެ. އެކަން އޭނާ ކުރީ އިތުރު ގޮތެއް ނެތުމުންކަަމުގައި ހިތަށް ވިސްނައިދޭން މަސައްކަތް ކުރެވެނީއެވެ.

"ހުރިހާކަމެއްވެސް ޔަޤީންވެއްޖެ. އަހަރެން އެންމެ ވަގުތަކުވެސް މިގޭގައި ނުހުންނާނަން. ގާތިލަކާ އެކީ އެންމެ ސިކުންތެއްވެސް މަޑެއް ނުކުރާނަން. " އެލިޒެތް ހިނގައިގަތުމުން ހެންރީ އެލިޒެތްގެ އަތުގައި ހިފެއްޓިއެވެ.

"އެލިޒެތް ޕްލީޒް. ނުދޭ.. އަހަރެން އެ ހުރިހާކަމެއް ކުރީ ހަމައެކަނި އެލީ އަށްޓަކައޭ…"ހެންރީ ބުންޏެވެ.

"ދޫކޮށްލާ…" ހެންރީގެ އަތް ފޮޅުވާލާފައި އެލިޒެތް ވާހަކަ ދެއްކިއެވެ.

"މާދަމާ ޑިވޯސް ފޭޕަރުތައް ހެންރީއަށް ލިބޭނެ. ވީ އެންމެ އަވަހަކަށް އަހަރެން ވަރިވާނަން. ގާތިލަކަށް އަހަރެންގެ ޙަޔާތުން ޖާގައެއް ނެތް. ހެންރީއަށް ނުވިސްނުނު، އެމީހުންގެ އާއިލާވެސް މި ދުނިޔޭގައި ތިބޭނެކަމެއް. އެމީހުންގެ އާއިލާއަށް ލިބޭނެ ހިތާމައެއް. ތިކަހަލަ ހިތެއްގެ ވެރިއަކަށް ލޯބިވާން އެނގޭނެތަ؟ މިއަދު އެނގިއްޖެ އެވަރަށް ބޭސްކުރިފަހުންވެސް ދަރިއެއް ނުލިބުނީ ކީއްވެގެންކަން. އެކަމާ އަހަރެން އުފާ ވެސް ކުރަން. އެއީ ތިފަދަ ރަހުމްކުޑަ މީހުންނަށް ބައްޕައަކަށް ވުމުގެ ހައްޤެއްވެސް ނެތީމަ. ހަނދާންކުރާތި. ކެންސަރުގެ ސަބަބުން މަރުވުންވެސް އަހަންނަށް މާ ރަނގަޅު. ތި ފަދަ ގޮތަކަަށް ހޯދާ ފައިސާއިން ފަރުވާކުރުމަށްވުރެ... އަހަރެން މަރުވެދާނީއެއްނު ހުރިހާކަމެއް ކުރީ… ނޫންތަ؟ މިރޭވެސް އެފަދަ ހަބަރެއް ކަލޭއަށް ލިބިއްޖެއްޔާ ދެންވާނީ ކިހިނެއް؟" އެ ބަސްތައް ބުނެލާފައި އެލިޒެތް ދުވެފައި ގޮސް އެގެއިން ނުކުމެއްޖެއެވެ. ގަބުވެފައި އިރުކޮޅަކު ހުރުމަށްފަހު، ހެންރީވެސް އެލިޒެތްގެ ފަހަތުން ނުކުމެއްޖެއެވެ. އޭރު އެލިޒެތް ފެންނާކަށް ނެތެވެ. ހެންރީ އެލިޒެތްގެ ފޯނަށް އެތަކެއް ފަހަރަކު ގުޅިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. އެލިޒެތްގެ މައިންބަފައިން ދުނިޔޭގައި ނެތުމާއެކު، އޭނާ ދާނެ ތަނެއްވެސް ހެންރީއަކަށް ނޭނގުނެވެ.

އޭގެ ފަނަރަ މިނެޓްފަހުން ހެންރީއަށް އައީ ފޯނެކެވެ. އެކޮޅުން ބުނެލި ވާހަކައަކުން ހެންރީގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަ ހެންނެވެ.

(ނުނިމޭ)