ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ބޯޑާ ކޮންޓްރޯލުގެ މަސައްކަތް ކުރާ ނެކްސް ބިޒުން ރިޝްވަތުގެ ގޮތުގައި އިމިގުރޭޝަންގެ މުވައްޒަފުންނަށް ދީފައިވާ ކަމަށް ބެލެވިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަތުލި ގިނަ އަދަދެއްގެ ލެޕްޓޮޕްތައް އެ ކޮމިޝަނުން ފުލުހުންނާ ހަވާލުކޮށްފި އެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ލެޕްޓޮޕްތައް ފުލުހުންނާ ހަވާލުކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އެތަކެތި ފުލުހުންނާ ހަވާލުކުރީ ފޮރެންސިކް ތަހުގީގު ކުރުމަށް ކަމަށެވެ. އޭސީސީން އިއްޔެ ރެއާއި އޭގެ ކުރީ ދުވަހު އިމިގުރޭޝަންގެ ހަތަރު ޑިޕާޓްމަންޓަކަށް ވަދެ ހިންގި އޮޕަރޭޝަންގައި 60 ހަށް ވުރެ ގިނަ ލެޕްޓޮޕް ވަނީ އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޮފިޝަލް ވިދާޅުވީ ރޭ ވެސް އިތުރު ލެޕްޓޮޕްތަކެއް އިމިގުރޭޝަންގެ ބައެއް ޑިޕާޓްމަންޓްތަކަށް ވަދެ ހޯދާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އޭސީސީން މީގެ ކުރިން ބުނެފައި ވަނީ އިމިގްރޭޝަން ބަލައި ފާސްކުރަން އުޅުމުގެ ތެރޭގައި އެ ޑިޕާޓްމަންޓްގެ ބައެއް މުވައްޒަފުން އޭސީސީ އަށް އެކި ވަރުގެ ފިއްތުން ކުރިމަތިކޮށް އިންވެސްޓިގޭޓަރުންނަށް ހުރަސްއަޅާފައިވާ ކަމަށެވެ. އެންމެ ފަހުން އޭސީސީން އިމިގްރޭޝަނަށް ވަންނަން ޖެހުނީ ކޯޓު އަމުރަކާ އެކު ފުލުހުން ވެސް ގޮވައިގެންނެވެ. އޭސީސީގެ އިންވެސްޓިގޭޓަރުންނަށް ހުރަސް އެޅި މައްސަލަ އޭސީސީން މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ހަ ސަތޭކަ މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލްގެ ޕްރޮޖެކްޓް އޭސީސީން ހުއްޓުވީ ޕްރޮޖެކްޓަށް އިއުލާން ކުރި އިރު ހިމަނަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވާ ބައެއް ބައިތައް ނެކްސްބިޒާ އެކު ކޮށްފައިވާ އެގްރިމެންޓްގައި ނެތިގެންނެވެ. އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ހުކުމް ކުރީ ނެކްސް ބިޒްގެ މަސައްކަތް ހުއްޓާލުމަށް އޭސީސީއަށް ނޭންގޭނެ ކަމަށެވެ. އެއާ އެކު އޭސީސީން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތުއުނާފުކޮށްފަ އެވެ. އެ މައްސަލައިގައި ހައިކޯޓުން ވަނީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.