23 Dec 2023, 18:02
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރަން ޝައުގު ވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހަޅަން ފުރަތަމަ ހުޅުވާލީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އިތުރުކުރުމާއެކު ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށެވެ.
އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ފޯމު ހުށަހަޅާނީ،ގޫގުލް ފޯމްމެދުވެރިކޮށެވެ. ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރާ ފޯމް އެ އިދާރާއިން ސާފުކޮށް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަން އެ ޕާޓީން ވަނީ އެދިފައެވެ.
ޝައުގުވެރިކަންފާޅުކުރާ މީހުންގެ ޝަރުޠުތައް:
އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ހަމަވުން.
މިހާރު ކުރިއަށްދާ މަޖިލީހަކީ އެމްޑީޕީގެ ތާރީޚުގައި ވެސް އެ ޕާޓީއަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބުނު މަޖިލީހެކެވެ. އެއީ 65 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އޭގެ ފަހުން ޕާޓީ ބައިބައިވެ، ބައެއް މެންބަރުން އެމްޑީޕީ ދޫކޮށްލި ނަމަވެސް 56 މެންބަރުންނާއެކު އަދިވެސް އަޣުލަބިއްޔަތު އޮތީ އެ ޕާޓީއަށެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާއިރު ސިޔާސީ ގޮތުން ބާރުވެރިވުމަށް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީން ހޯދަން ޖެހެއެވެ.