23 Dec 2023, 17:45
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނީ މިހާރު ދެމުންދާ ހަމަލާތައް ހުއްޓުވައިގެން ކަމަށާއި، އެކަން ހުއްޓުވުމަށްޓަކައި މިހާރަށް ވުރެ ވެސް ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރާ ގުޅިގެންނެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން އެ ގާރާރު ފާސްކޮށްފައި ވަނީ އިއްޔެއެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ވައިގެ މަގުން ދެމުންދާ އަނިޔާވެރި ހަމަލާތަކާ ގުޅިގެން ރައްކާތެރިކަމާއެކު އެހީ ދެވެން ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުތަކުން މި ގަރާރާއެކު މިހާރުން މިހާރަށް ހުރިހާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެކަމަށް ރާއްޖެއިން އުންމީދުކުރަން،" ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ވަނީ ޣައްޒާއަށް ކުރިމަތި ކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް، އދ.ގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާކަމަށް ވެސް ވިދާޅުވެފައެވެ.
އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ހަފުތާއެއްހާ ދުވަހުގެ ލަސްވުމަކަށްފަހު ވޯޓަށް އެހި އެ ގަރާރަށް އެމެރިކާއާއި ރަޝިއާއިން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ.
އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން އެމެރިކާއާއި ރަޝިޔާ ފިޔަވައި އެހެން މެންބަރުން ވަނީ ގަރާރަށް ތާއީދު ކޮށްފައެވެ.
އެ ޤަރާރުގައި ވަނީ އެއްގަމާއި ވައިގެ މަގުންނާއި ކަނޑު މަގުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމާއި ފަލަސްޠީނަށް އެތެރެވާ އިންސާނީ އެހީ ބަލައި ޗެކް ކުރުމުގެ ޒިންމާ އދ.އަށް ދިނުމަށެވެ.
ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދ.ގެ ސަލާމަތީ މަޖިލީހުން މީގެކުރިން ހުށަހެޅި ގަރާރަށް ވެސް އެމެރިކާއިން ވަނީ ހުރަސްއަޅައިފައެވެ.
ހަމާސްއާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށް ބުނެ ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 20،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.