23 Dec 2023, 16:51

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަނިކޮށް ހާލު ދެރަވެގެން މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ނިޔާވި ރ. ވާދޫ ވިންޑްސްޓާ، މަރިޔަމް ސާނިޔާ (މަރީ)ގެ ބޭސްފަރުވާއަށް ލިބުނު ފައިސާ، އޭނާގެ ފިރިމީހާ އަލީ ފަޔާޒް ހަދިޔާ ކޮށްފިއެވެ.
މި ފައިސާ ފަޔާޒް ހަދިޔާ ކޮށްފައި ވަނީ، ނިއުމޯނިޔާ ބަލި ތަހަންމަލް ކުރާ ނާފް މުޙައްމަދު ޠާހާއަށެވެ. މިކަމާ ގުޅިގެން ފަޔާޒް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ މަރީގެ ބޭސްފަރުވާގެ ކަންތައްތަކަށް ޚަރަދު ކުރުމަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި އެހީގެ ގޮތުގެ ލިބުނު 27،606.88 ރުފިޔާ ވަނީ ނިއުމޯނިޔާ ބަލި ތަހަންމަލް ކުރާ ނާފްއަށް ހަދިޔާ ކޮށްފައި ކަމަށް ފަޔާޒް ލިޔެފައި ވެއެވެ.
ނާފް އަކީ އުފަން ވުމުގައި ވެސް ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ނާފް އުފަންކުރުމަށް ސިޒޭރިއަން ހެދުމުގެ ތެރޭގައި އޭނާގެ ސިކުނޑީގައި ލޭކޮޅެއް ތާށިވެ، ސިކުނޑިއަށް ލޭއެޅުނެވެ.
މީގެ އިތުރުން ވެސް ނާފްއަށް އިތުރު އެތައް ވޭނެއް ކުރިމަތިވެއެވެ. އެގޮތުން އެއްވެސް އެއްޗެއް އަރުން އެތެރެ ނުވުމާއި ނޭވާއަށް އުނދަގޫ ވުމާއި ހޮޑު ލެވުން ހިމެނެއެވެ. އެންމެ ފަހުން ތުއްތު ނާފް ނިއުމޯނިއާއަށް ޕޮޒިޓިވްވެ މިހާރު އެ ބައްޔަށް ވެސް ފަރުވާ ހޯދައެވެ.
މި ވަގުތަކީ ފަޔާޒަށް ހިތްދަތި ވަގުތެކެވެ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ހޯދަނިކޮށް މަރީގެ ބަނޑުގައި އޮތް، އެ ދެމަފިރިންގެ އަލަތު ދަރިފުޅު ނިޔާވިއެވެ. އެއަށް ފަހު މަރީގެ ހާލު ދެރަވެ މާލެ ގެނައެވެ. ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން މަރީ އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ.
އަލަތު ދަރިފުޅަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު މަރީ ވެސް ދުނިޔެ އާ ވަކިވީއެވެ. މި ހުރިހާ ކަމެއްގައި ފަޔާޒާއި މަރީގެ އާއިލާއިން ތުހުމަތު ކުރަނީ އުނގޫފާރު ހޮސްޕިޓަލުން އެދެމައިންނަށް އިހުމާލު ވީކަމަށެވެ.
މިއީ ފަޔާޒަށް އެންމެ ހިތްދަތި ވަގުތެވެ. އެންމެ ފުރަތަމަ ދެމަފިރިންގެ އަލަތު ދަރިފުޅު ނިޔާވިއިރު، މާ ގިނަ ދުވަހެއް ނުވެ ލޯބިވާ އަނބިމީހާ ވެސް ނިޔާވީއެވެ. ނަމަވެސް، މި ހިތްދަތިކަމުގެ ތެރެއިން ވެސް ފަޔާޒް އިސް ކުރީ ހިތްވަރެވެ. ހިތްދަތި ކަމުގެ ތެރެއިން ވެސް ފަޔާޒް ދެއްކީ ނަމޫނާއެވެ.