23 Dec 2023, 16:34
މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ސިވިލް ސާވެންޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގަތުމާއެކު، އެ މީހަކު މަގާމުން ވަކި ވާނެ ކަމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ މި ގަވާއިދަކީ އަބަދުވެސް ސިވިލް ސާވިސް ކޮމިޝަނުން އަމަލު ކުރަމުން އައި ގޮތް ކަމަށެވެ.
އަދި އޭރު ގާނޫނުގައި އޮންނަނީ މަޖިލީހަށް ކުރިމަތިލާން ގަސްތުކުރާ ހިސާބުން ހަމަސް ދުވަސް ކުރިން މަގާމުން އިސްތިއުފާ ދޭން ޖެހޭގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެން ނަމަވެސް 2009 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވި ކެނޑިޑޭޓަކު ހައި ކޯޓަށް އެ މައްސަލަ ހުށަހެޅުމާއެކު ހައި ކޯޓުން ވަނީ އެ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފު މާއްދާއެއް ކަމަށް ނިންމައިފައެވެ.
އެއާ އެކު ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސިވިލް ސާވިސް ގާނޫނަށް އެ ކޮމިޝަނުން އިސްލާހު ނުގެނެވޭނެތީ ސިވިލް ސާވިސް ގަވާއިދަށް އިސްލާހު ގެނެސް އިންތިހާބަށް ކުރިމަތިލާ ފަރާތަކުން އިންތިހާބަށް ކުރިމަތިލާ ހިސާބުން ނުވަތަ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެނޑިޑެސީ ބަލައިގަންނަ ހިސާބުން އޭނާ ސިވިލް ސާވިސްގެ މަގާމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ބަދަލު ކޮށްފައެވެ.
މި ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ 2012 ވަނަ އަހަރުއެވެ.
ކެނޑިޑެސީ ބަލައިގަންނަ ހިސާބުން އޭނާ އިސްތިއުފާ ނުދީފި ނަަމަ، ސީއެސްސީން އޭނާ މަގާމުން ވަކި ކުރާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.
މިއާ ޚިލާފަށް ކައުންސިލް އިންތިޚާބުގައި ވާދަކުރާނަމަ އެ ވާދަކުރާ ކެނޑިޑޭޓަކު ހުންނާނީ ފޯމު ހުށަހަޅާ ހިސާބުން ސަސްޕެންޝަނުގައެވެ. އަދި ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ފަހު އޭނާ އިންތިޚާބުން ނާކާމިޔާބު ވެއްޖެ ނަމަ އޭނާއަށް މަގާމު އަނބުރާ ލިބޭނެއެވެ.
މިހާރު ކުރިއަށް ދާ، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު ހަމަވާނީ އަންނަ މެއި މަހުގެ 28ގައެވެ. ފެށޭ އަހަރުގެ ކުރީކޮޅު މަޖިލިސް އިންތިޚާބު ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.