މިއަދުގެ ރީތި ތާރީޚު (23.12.23)ގައި 31 ކައިވެނި ފެމިލީ ކޯޓުން އަގުދު ކޮށްދޭކަމަށް އެ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން ބުނީ، އާންމު ދުވަހަކާ އަޅާ ބަލާއިރު މިއަދު ކައިވެނި ގިނަ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި އާންމުކޮށް ދުވާލެއްގެ މައްޗަށް 20 ވަރަކަށް ކައިވެނި ކޮށްދިން ކަމަށް މީގެ ކުރިން ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.

ރީތި ތާރީޚުތަކާ ގުޅުވައި ކައިވެނި ކުރުމަކީ ދިވެހީންގެ ތެރޭގައި މިހާރު އޮންނަ އާދައެކެވެ.

އެގޮތުން މިދިޔަ ޖޫން މަހުގެ 22ވަނަ ދުވަހާއި (22.06.23) 23ވަނަ ދުވަހު (23.06.23) ފެމިލީ ކޯޓުން 87 ކައިވެންޏެއް ކޮށްދީފައި ވެއެވެ.

މި އަހަރު މާޗު މަހުގެ ދެވަނަ ދުވަހަކީ (02.03.23) ވެސް ރީތި ތާރީޚެކެވެ. އެ ތާރީޚުގައި މާލޭ ސަރަހައްދުގައި 36 ކައިވެންޏެއް ކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ރީތި ތާރީޚުތަކުގައި ވެސް ފެމިލީ ކޯޓުގައި ގިނަ ކައިވެނި ތަކެއް ކޮށްފައިވެއެވެ.

އެގޮތުން މިދިޔަ އަހަރު އެންމެ ގިނަ ކައިވެނި ކުރީ، އެ އަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22 ގައެވެ. އެ ދުވަހު ފެމެލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން 85 ކައިވެނިވަނީ ކޮށްފައެވެ.

މިދިޔަ އަހަރު ދެން އައި އެންމެ ރީތި ތާރީޚަކީ 02.02.22 އެވެ. އެ ދުވަހު މާލޭގައިވަނީ 39 ކައިވެނި ކޮށްފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހާއި 12ވަނަ ދުވަހު ވެސް ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްގެން ގިނަ ކައިވެނިތަކެއްވަނީ ކޮށްފައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރު ޑިސެމްބަރު މަހު އައި ރީތި ތާރީޚެއް ކަމަށްވާ 21.12.21ގައި ފެމިލީ ކޯޓުން ވަނީ 57 ކައިވެނި ކޮށްދީފައެވެ. އެއީ އެ އަހަރު އެންމެ ގިނަ ކައިވެނި ކުރި ދުވަހެވެ.

އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެމެލީ ކޯޓުން މިހާރު ވަނީ ނިންމައިފައެވެ.