ހަނގުރާމައިގެ ޙާލަތު އޮތް ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވައިލައި އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު ފާސްކޮށްފިއެވެ.

އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ހަފުތާއެއްހާ ދުވަހުގެ ލަސްވުމަކަށްފަހު ވޯޓަށް އެހި އެ ޤަރާރަށް އެމެރިކާއާއި ރަޝިއާއިން ވަކި ކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ.

އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން އެމެރިކާއާއި ރަޝިޔާ ފިޔަވައި އެހެން މެންބަރުން ވަނީ ޤަރާރަށް ތާޢީދުކޮށް ކޮށްފައެވެ.

ސަލާމަތީ މަޖިލީހުން އެ ވޯޓު ނަގައިފައި ވަނީ ޢިސްރާއީލާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ދެމެދު ހިނގަމުންދާ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓައިލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުން އަންނަ ދަނޑިވަޅެއްގައެވެ.

ޤަރާރާ ގުޅޭ މަޝްވަރާތައް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށް ދިޔައިރު، އެ ޤަރާރަށް ވޯޓު ދިނުން ވަނީ ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ޢަރަބި އެކުވެރި ޢިމާރާތް (ޔޫއޭއީ)އިން އިސްނަގައިގެން ހުށަހަޅައިފައިވާ އެ ޤަރާރަށް 15 މެންބަރުންގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން ވޯޓު ދިނުން ފަސްކުރަން ޖެހުނީ ޤަރާރުގައި ބޭނުންކޮށްފައި ހުރި ބަސްމަގާމެދު އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކުރުމުން އެ ކަން ޙައްލުކުރުމަށެވެ. އެ ގޮތުން އެ ޤަރާރުގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުން ދޭހަވާފަދަ ޢިބާރާތް ހުރި ކަމަށް އެމެރިކާއިން ބުނެއެވެ.

އެ ޤަރާރުގައި ވަނީ އެއްގަމާއި ވައިގެ މަގުންނާއި ކަނޑު މަގުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދިނުމާއި ފަލަސްޠީނަށް އެތެރެވާ އިންސާނީ އެހީ ބަލައި ޗެކް ކުރުމަށް ޒިންމާ އދއަށް ދިނުމަށެވެ.

ޔޫއޭއީން އެންމެ ފުރަތަމަ ހުށަހެޅި ޤަރާރުގައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލަން ގޮވައިލާފައެވެ. އަދި، ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރުމުގެ ބާރު އދއަށް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް، އެމެރިކާގެ ހިތްހަނުޖެހުން ފާޅުކުރުމުން އެ އެބައިތައް ވަނީ ޤަރާރުން އުނިކޮށްފައެވެ. މިހާރު އޮތް ގޮތުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބާރު އޮތީ ޢިސްރާއީލަށެވެ.

ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައި އދގެ ސަލާމަތީ މަޖިލީހުން މީގެކުރިން ހުށަހެޅި ޤަރާރަށްވެސް އެމެރިކާއިން ވަނީ ހުރަސްއަޅައިފައެވެ.

ޙަމާސްއާ ދެކޮޅަށް ދޭ ޙަމަލާތަކެއް ކަމަށް ބުނެ ފަލަސްޠީނުގެ ޢާންމުންނަށް އަމާޒުކޮށް އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުތަކުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ 20،000 އާ ގާތްކުރާ ޢަދަދެއްގެ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.