24 May 2012, 23:14
އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކްރިމިނަލް ކޯޓް ރިސެސް އަށް ދިޔުމަށް އެ ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ރިސެސް އަށް ދިޔުމަށް ނިންމާފައި ވަނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި އެގޮތަށް ނިންމީ އެ ކޯޓުގެ ގާޒީންގެ ބައްދަލުވުމުން ކަމަށެވެ.
އެ ކޯޓުން ބުނީ ރިސެސްގެ ތެރޭގައި އާންމުކޮށް ކޯޓުން ބަލާ މައްސަލަތައް އެއްކޮށް މަޑުޖައްސާލި ނަމަވެސް އެ ކޯޓުން ނިންމާފައި ވަނީ އެ މުއްދަތުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
މީގެއިތުރުން ރިސެސް އަށް ދިޔަ ނަމަވެސް ބަލައި ފާސްކުރުމުގެ އަމުރު ފަދަ އަމުރުތައް ކޯޓުން އަބަދުވެސް ނެރޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓް ފިޔަވައި އެހެން ކޯޓަކުން ރިސެސްއަށް ދިއުމަށް އަދި ނިންމާފައެއް ނުވެ އެވެ.