23 Dec 2023, 15:19
އިންގްލިޝް ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރި މެޗް އެއްވަރުވެ ތާވަލްގެ އެއް ވަނައަށް އެރުމަށް ވިލާއަށް ލިބުނު ފުރުސަތު ގެއްލުވާލައިފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މި މެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ވިލާއިންނެވެ. ނަމަވެސް މިއާއެކުވެސް ޝެފީލްޑްގެ ޑިފެންސް ފޫއަޅުވާލުމުގައި ވިލާއަށް ދިޔައީ ގިނަ ދަތިތަކާ ކުރިމަތި ވަމުންނެވެ.
މި މެޗުން މޮޅުވެއްޖެނަމަ ވަގުތީ ގޮތުން ނަމަވެސް ތާވަލްގެ އެއްވަނައަށް އަރާނެކަން ޔަގީންވެފައިވީ ނަމަވެސް އެކަން ހަގީގަތަކަށް ހެދޭގޮތެއް ނުވިއެވެ. މި މެޗުން މޮޅުވި ނަމަ 2011 ވަނަ އަހަރުގެ އޯގަސްޓް މަހަށް ފަހު ފުރަތަމަ ފަހަރަށް ސީޒަންގެ މިހާ ހިސާބުން ތާވަލްގެ އެއް ވަނައަށް ވިލާ ފުރަތަމަ ފަހަރަށް އެރީހެވެ.
މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މިމެޗްގެ ދެވަނަ ހާފްގެ ކުރީކޮޅު ލިއޮން ބެއިލީއިން ޝެފީލްޑްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް އޭގެ ކުރިން ފައުލް އެއް ހިނގާފައިވުމުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޖަހާ ލީޑު ނަގައިފާވަނީ ޝެފީލްޑްއެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި ވިލާއިން ޝެފީލްޑްއަށް ބަދަލުވި ކެމެރަން އާޗާއެވެ.
މި މެޗްގައި ވިލާއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ޖަހައިފާވަނީ މެޗްގެ އިތުރު ވަގުތުގެ ހަތް ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ނިކޮލާ ޒަނިއޯލާއެވެ.
މިމެޗް އެއްވަރުވުމުން ވިލާ މިހާރު އުޅެނީ ކުޅުނު 18 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު އާސެނަލްއަށް ކުރި ލިބޭތީއެވެ. އަދި ޝެފީލްޑް އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.