23 Dec 2023, 11:09
ސައުދީ އަރަބިއާގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއިން ހޯދައިފިއެވެ.
ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން މި މުބާރާތުގައި ވާދަކުރި ސިޓީ ޗެމްޕިއަންކަން ހޯދީ ޖިއްދާގައި ކުޅުނު ފައިނަލްގައި ދެކުނު އެމެރިކާގެ ޗެމްޕިއަން ކަމުގައިވާ ބްރެޒިލްގެ ފުލުމިނެންސޭ އާ ވާދަކޮށް ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އަދި މި މެޗްގެ ފެށުން ރަނގަޅުވީ ވެސް ސިޓީގެއެވެ.
މިގޮތުން މެޗް ފެށިތާ 40 ވަނަ ސިކުންތުގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުނަރުވެރި ފޯވަޑް ހޫލިއަން އަލްވަރޭޒްއެވެ. އަދި މެޗްގެ 27 ވަނަ މިނެޓްގައި ސިޓީއިން ވަނީ މެޗްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑަކީ ފުލުމިނެންސޭގެ ނީނޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗްގައި ސިޓީގެ ތިން ވަނަ ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި ޖަހައިދިނީ ފިލް ފޯޑެންއެވެ. އަދި ފަހު ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އަލްވަރޭޒްއެވެ.
މި މެޗްގައި ފުލުމިނެންސޭއަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. އަދި ސިޓީގެ ކީޕާ އެޑިސަންއަށް ކުރިމަތިލާން ޖެހުނީ ނުރައްކާތެރި ދެ ހަމަލާ އަކާ އެކަންޏެވެ.
މި ކާމިޔާބީއާއެކު ސިޓީއިން ދުނިޔޭގެ ޗެމްޕިއަން ކްލަބްގެ ލަގަބު ލިބިގެންދިއުމުގެ އިތުރުން ކަލަންޑަރު އަހަރެއްގައި ފަސް ތަށި ކާމިޔާބު ކުރި އިނގިރޭސި ފުރަތަމަ ކްލަބަށް ސިޓީ މި ވަނީ ވެގެން ގޮސްފައެވެ.
ސިޓީއިން މި އަހަރު ވަނީ އިންގްލިޝް ޕްރިމިއާ ލީގާއި އިނގިރޭސި އެފް އޭ ކަޕް، ޔުއޭފާ ޗެމްޕިއަންސް ލީގު، ޔުއޭފާ ސުޕާ ކަޕްވެސް މި އަހަރުގެ ތެރޭގައި ކާމިޔާބު ކޮށްފައެވެ.
މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަން ބޯޅަ ލިބުނީ ސިޓީގެ މެދުތެރެއިން މުހިންމު ދައުރެއް އަދާކުރި ރޮޑްރީ އަށެެވެ. އަދި މުބާރާތުގެ ތިންވަނަ ޓީމަކަށް ހޮވުނީ އޭޝިއާގެ ޗެމްޕިއަން އުރާވާ ރެޑް ޑައިމަންޑްސް ބަލިކުރި އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ އެވެ.