22 Dec 2023, 23:44
އައްޑޫ ސިޓީގައި، މޫދަށް އެރި އުޅެނިކޮށް ރޭ، ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު ނައިޝް ނަސްރު (ނައްޔު) ހޯދުމަށް 490 ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑްގެ ފޯތު ސްކޮޑްރަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ވައިގެ މަގުން 23.46 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 490 ސްކޮޔާ ނޯޓިކަލް މޭލު މިހާތަނަށް ބަލައިފައިވާ ކަމަށެވެ.
ޑައިވްކޮށްގެން އެއް ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ގަމުގެ ފުއްޓަރު ފަރާތް ބަލައި ހޯދުމަށް މިއަދުގެ ހެނދުނު 10:25އިން ފެށިގެން ސިފައިންގެ ޑައިވަރުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ނައިޝްގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަށް އެހީތެރިވުމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގެ ބޯޓެއް ވެެސް ވަނީ ބޭނުންކުރަން ފަށަައިފައެވެ.
އަދި، ފުލުހުންނާއި ރަށުގެ އާންމުން ގުޅިގެން އަންނަނީ ހޭޅިފަށް ވެސް ބަލަމުންނެވެ. ނަމަވެސް އަދިވެސް ނާއިޝްގެ އެއްވެސް ޚަބަރެއް ލިބިފައެއް، ނުވަތަ އޭނާގެ އީޝާރާތެއް ފެންނަ ގޮތްވަނީ ނުވެފައެވެ.
އާއިލާއިން ބުނީ، މި ވަގުތު ގްރޭޑް 12ގައި ތައުލީމް ހާސިލުކުރާ ނައްޔުއަކީ މަޑުމައިތިރި ބަސްއަހާ ކުއްޖެއް ކަމަށެވެ. އޭނާއަކީ މޫދަށް ވެސް ގަދަ ކުއްޖެއް ކަމަށް އާއިލާއިން ބުންޏެވެ. އޭނާއަކީ އެ އާއިލާގައި ހުރި އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. ދެން ހުންނަނީ އަންހެން ކުއްޖެކެވެ.
މި ވަގުތު މުޅި އައްޑޫގައި ވަނީ މާޔޫސްކަމާއި ހިތާމައެވެ. އެންމެންގެ ދުއާއަކީ ހެޔޮ ހާލުގައި ނައްޔު ފެނުމެވެ.