ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގު ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ފަރާތްޕުޅުން އެންމެ ފަހުން ހުށަހެޅުއްވީ އެމްއެންޑީއެފްގެ ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިރޭ ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތަކަށް ފެތޭ ބޭފުޅެއް ކަމަށް ބުނެ ރައީސް ނަޝީދު ކޮމިޝަނަށް ހުށަހަޅުއްވާފައި ވަނީ އެމްއެންޑީއެފްގެ ސްކޮލަޝިޕެއްގައި މެލޭޝިޔާގައި ކިޔަވާ ވުދާޅުވަމުން ގެންދަވާ ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު ކަމަށެވެ. އަދި ވިދާޅުވީ އެއީ ރައީސް ނަޝީދުގެ ބޮޑުބޭބެއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު އުޅުއްވަނީ "ކުޅިވަރުކުޅުއްވަން" ކަމަށާއި ނަޝީދު ބޮޑުބޭބެ ވިދާޅުވާ ބޭފުޅަކަށް ކޮމިޝަންގައި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރެއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދަ ބޭފުޅަކު ސަރުކާރުން ބަލައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެބުރުއަރީ ހަތެއްގައި ނަޝީދުގެ ވެރިކަން ވެއްޓުނު އިރު ޒުބައިރު މެލޭޝިޔާގައި ކިޔަވަމުން ދިޔަ ނަމަވެސް އޭނާ ހުންނެވީ އެމްއެންޑީއެފްގެ ލީގަލް ޑިޕާޓްމަންޓްގެ ހިންގުމާ ހަވާލުވެވަޑައިގެން ކަމަށެވެ.

އެމްޑީޕީ އިން މީގެ ކުރިން ބުނެފައި ވަނީ ރައީސް ނަޝީދު ކޮމިޝަނަށް އެންމެ ފަހުން ފޮނުއްވި ނަމަކީ ކޮމިޝަނުގެ މެންބަރެއްގެ ޝަރުތު ފުރިހަމަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެ ބޭފުޅަކީ ކާކު ކަމެއް އެ ޕާޓީން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މަހުގެ ނިޔަލަށް ރައީސް ނަޝީދުގެ ފަރާތުން ކޮމިޝަނަށް ނަމެއް ހުށަހެޅުވުމުގެ ފުރުސަތު ސަރުކާރުން ވަނީ ދީފަ އެވެ. ނަޝީދު ވަނީ މީގެ ކުރިންވެސް ކޮމިޝަނަށް އެ މަނިކުފާނުގެ ފަރާތުން ބައެއް ނަންތައް ހުށަހަޅުއްވާފަ އެވެ. އެ ބޭފުޅުންގެ ޝަރުތު ހަމަނުވާތީ ސަރުކާރުން ވަނީ އެ ނަންތައް ގަބޫލުނުކޮށްފަ އެވެ. މީގެ ކުރިން ރައީސް ނަޝީދު ހުށަހެޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ނަޝީދުގެ ކެބިނެޓުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމާއި ޔޫތު މިނިސްޓަރު ހަސަން ލަތީފާއި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހަންމަދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކުރީގެ މެމްބަރު އިބްރާހިމް ސަލީމެވެ.

ރައީސް ނަޝީދުގެ ފަރާތުން ކޮމިޝަންގައި ހިމެނޭ މެންބަރެއްގައި ހިމެނެން ޖެހޭ ޝަރުތުތަކަކީ ވޭތުވެ ދިޔަ ދެ އަހަރު ދުވަހު ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވެފައިނުވާ އަދި ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ވަކި ކޮޅެއް ނަންގަވާފައިވާ ބޭފުޅަކަށް ވެގެން ނުވާނެ ކަމަށެވެ.