23 Dec 2023, 10:10
ފިލްމު "ދަރާރް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒު ޚާން ދެވަނަ ކައިވެންޏަށް ތައްޔާރު ވެފައިވާ ކަމަށް ރިޕޯޓު ތަކުން ބުނެފިއެވެ.
ބަތަލާ އަދި މޮޑެލިންގް ދާއިރާއިން ބޮޑު މަޝްހޫރު ކަމެއް ހޯދި މަލައިކާ އަރޯރާއާ ދެ މީހުންގެ ކައިވެނި ރޫޅުމަށް ފަހު އަރުބާޒު ވަނީ އިޓަލީއަށް ނިސްބަތްވާ މޮޑެލް ޖިއޯޖިއާ އެންޑްރިއާނީއާ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.
ނަމަވެސް އަރުބާޒުގެ ކައިވެނީގެ ޚަބަރު ހަފުތާއެއް ކުރިން ޖިއޯޖިއާ ވަނީ ދެ މީހުންގެ ގުޅުމަށް ނިމުން އައިކަން ކަށަވަރު ކޮށްދީފައެވެ.
ފިލްމު "ހެލޯ ބްރަދާ" އަދި "ދަބަންގް' ފަދަ ފިލްމު ތަކުން ފެނިފައިވާ އެކްޓަރުގެ ކައިވެނި މި މަހުގެ 24 ވަނަ ދުވަހު ކުރެވޭ ކަމަށާއި އަރުބާޒުގެ ބައިވެރިޔަކީ މަޝްހޫރު މޭކަޕް އާޓިސްޓު އަދި ހެއާ ސްޓައިލިސްޓް ޝޫރާ ޚާން ކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.
މީޑިއާ ރިޕޯޓު ތަކުން ހާމަކޮށްފައިވާ ގޮތުން މިއީ ވަރަށް ޕްރައިވެޓް ހަފްލާއެއް ކަމަށާއި ކައިވެނީގެ މި ކައިވެނީގެ ޙަފްލާގައި ބައިވެރި ވުމަށް ދަޢުވަތު އެރުވެނީ ވެސް ދެ ފަރާތުގެ އާއިލާގެ ވަރަށް ގާތް މެމްބަރުންނަށާއި ވަރަށް ގާތް ރަޙްމަތްތެރިންނަށެވެ. އެހެންވެ ކައިވެންޏާ ބެހޭ މާ ބޮޑު ތަފުސީލެއް ވެސް މީޑީއާތަކަށް ހާމަކޮށްފައި ނުވާކަމަށް ރިޕޯޓު ތަކުން ވަނީ ބުނެފައެވެ.

އަރުބާސް ޚާން ދަރިފު އާރްހާން ޚާން އަދި ކުރީގެ އަންހެނުން މަލައިކާ އަރޯރާއާ އެކު-- ފޮޓޯ/ އިންޓަނެޓް
އަރުބާޒު ކައިވެނީގެ ގޮށް ޖެހުމަށް ތައްޔާރު ވެފައިވާ އާ ބައިވެރިޔާ ޝޫރާ ޚާންއާ ބައްދަލުވީ ފިލްމު "ޕަތުނާ ޝުކްލާ"ގެ ސެޓުންނެވެ. ޝޫރާ ޚާން މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަދާނީގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައެވެ.
އަރުބާޒު ދެވަނަ ކައިވެންޏަށް ތައްޔާރު ވެފައި ވާއިރު ކުރީގެ އަންހެނުން މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެކްޓަރު އަރުޖުން ކަޕޫރާއެވެ. އަރުބާޒާއި މަލައިކާގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.