22 Dec 2023, 19:25
ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބަންދުކުރަން މަސައްކަތް ކުރާނީ ޚުދުމުހުތާރު ސިފަތަކެއް ޖެހިފައިވާ ސަރުކާރަކުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން މިފަދައިން ބުނީ، ރޭ ސަރުކާރާ ދެކޮޅު ލިޔުންތަކެއް ލިޔަމުންދިޔަ ދެ ވެބްސައިޓެއް ބްލޮކުކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި އެމްޑީޕީން ބުނީ، ދިވެހި ބަހުން ޝާއިއުކުރާ ބައެއް ވެބްސައިޓްތަކާއި ނޫސްތައް މި ސަރުކާރުން ބްލޮކުކުރުން އެ ޕާޓީން ކުށްވެރިކުރާ ކަމަށެވެ.
އަދި މިނިވަންކަމާއެކު ފިކުރުކުރުމާއި ޚިޔާލުފާޅުކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އެމްޑީޕީން ބުނީ ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދު ވެސް ވަކާލާތުކުރާ ކަމެއް ކަމަށެވެ.
އަދި ތިމާގެ ބުއްދިއަށް ފެންނަ ވިސްނުންތައް ބަޔާންކުރުމުގެ ފުރުސަތު ނެތް މުޖުތަމައުއަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްކަމަށް އެ ޕާޓީއަށް އެއްބަސްނުވެވޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
"އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންގެ އަސާސީ ހައްގުތައް، ވަކިން ޚާއްސަކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނު... ސަރުކާރާއި ދެކޮޅަށް ރޭވިގެން އިންތިޒާމުވެގެން ދޮގު ޚަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެމްޑީޕީން ބުނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ފެނުނު ފަދައިން މި ސަރުކާރުގެ އަމަލުތަކުން ވެސް ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަން ކަމަށެވެ.
އަދި މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ޚުދުމުހުތާރު ދައުލަތެއްގެ ސިފަކަމަށް އެ ޕާޓީން ބުންޏެވެ.
"އެމްޑީޕީން މި ސަރުކާރަށް ގޮވާލަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ހުއްޓާލަން،" ބަޔާނުގައި ގޮވައިލިއެވެ.
ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔަމުން އައި ދެ ވެބްސައިޓެއް ބްލޮކް ކުރުމުން، ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފައެވެ.
އެކަމާ ގުޅިގެން ސަރުކާރުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް، ނުވަތަ މަޖައްލާއެއް ބަންދެއް ވެސް އަދި ބްލޮކެއް ވެސް ނުކުރާނެ ކަމަށެވެ.