ވިޔަންސާއާ ދެކޮޅަށް، ދިހަ ކުޅުންތެރިންނާއެކު މެޗުގެ ބަކީ 39 މިނެޓު ފުރިހަމަ ކުރަންޖެހުނު ވެލެންސިޔާއަށް، އެޓީމުގެ ބިދޭސީ މިޑްފީލްޑަރު ކުއިސީ އޮސެއީ މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިން ދެ ގޯލާއެކު، ލީގުގެ ފަސް ވަނައަށް ވެލެންސިޔާ ޖެހިލައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި 22 މެޗް އަދި ވެލެންސިއާ ކުޅެންޖެހޭއިރު، މިއަދު ވިޔަންސާ އަތުން ލިބުނު މޮޅާއެކު އެޓީމް އޮތީ ތާވަލްގެ ހަތަރު ވަނައިގައި މިވަގުތު އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. އެހެންނަމަވެސް މާޒިޔާއަށް ލީގުގެ ހަތަރު ވަނަ ލިބެނީ މިހާތަނަށް އެޓީމް ކުޅުނު ފަސް މެޗުން ލިބިފައިވާ ފައިދާ ދެ ގޯލާއެކު އެވެ. އަދި މެޗުން ބަލިވި ވިޔަންސާ އޮތީ ތިން ޕޮއިންޓާއެކު ތާވަލުގެ އެންމެ ފުލުގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ ފުރަތަމަ 10 މިނެޓުގައި އޮސެއީ ވިޔަންސާ ކޮޅަށް ޖެހި ލަނޑުން މެޗުގެ ލީޑް ފުރަތަމަ ފަހަރަށް ވެލެންސިޔާއަށް ނަގައިދިން އިރު، ދެ ވަނަ ލަނޑު އޭނަ ވެލަންސިޔާއަށް ކާމިޔާބު ކޮށްދިނީ މެޗުގެ 58 ވަނަ މިނެޓުގައި ވެލެންސިއާގެ އަހުމަދު ވިޝާމަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިތާ 12 މިނެޓް ފަހުންނެވެ. އަދި އޮސެއީ ވަނީ މިއަދުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހާ މެޗުގެ ލީޑް ނަގާނެ ގިނަ ފުރުސަތު ތަކެއް ދެ ޓީމަށް ވެސް ލިބިގެން ދިޔަކަން ވާހަކަ ކޮށްލެވެ އެވެ.

ފުރަތަމަ ހާފަށް ވުރެ، ދެ ވަނަ ހާފުގައި މެޗުގެ ފޯރި ގަދަވިއިރު، ވިޔަންސާއިން ވަނީ ދެ ވަނަ ހާފުގައި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފައެވެ. އެގޮތުން މެޗުގެ 64 ވަނަ މިނެޓުގައި ވިޔަންސާގެ ހުސެން ސާމިލްގެ ބަދަލުގައި ކުރީގެ ގައުމީ ޓީމްގެ ކުޅުންތެރިޔާ އަހުމަދު ނާޒް (އާކޭ) ކުޅެން ނިކުތެވެ. މިއީ އާކޭ މިސީޒަންގައި ވިޔަންސާއަށް ކުޅުނު ފުރަތަމަ މެޗެވެ.

ސަސްޕެންޝަންގެ ސަބަބުން ވެލެންސިޔާގެ ބިދޭސީ މުހިންމު ފޯވާޑް ވިސްޑަމް ސޮލަމަން ނުލާ ކުޅުނު މެޗަށް ފަހު ކޯޗް މުހައްމަދު އިގްބާލް ބުނީ، ވިޔަންސާ މައްޗަށް ކުރި ހޯދުނީ އުދަނގޫ ތަކާއި ޕްރެޝަރ ތަކެއް ކުރިމަތިވި މެޗަކުން ކަމަށެވެ. އަދި މެޗުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތް ހަމަޖޭ ކަމަށާއި މެޗުން މޮޅުވެ ، ލިބުނު ތިން ޕޮއިންޓަކީ މިވަގުތު ޓީމަށް ވރަށް މުހިންމު ތިން ޕޮއިންޓު ކަމަށް އިގްބާލް ބުންޏެވެ.

"ޓަފް މެޗެއް ފެނިގެން މިދިޔައީ. ދިހަ ކުޅުންތެރިންނާއެކު ކުޅެން ޖެހުނު ކަމުގައި ވިޔަސް، ޓީމް ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް. އަސްލު މާ މޮޅު މޮޅު ކުޅުމެއް ނުވެސް ނުދެއްކޭ. ނަމަވެސް މަސައްކަތް ރަނގަޅުވީމާ އެތަން ފެނިގެން ދިޔައީ. ފުރަތަމަ ހާފަށް ވުރެ ދެވަ ނަ ހާފު ޓީމްގެ ކުޅުން ރަނގަޅު" އިގްބާލް ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ، ލީގުގައި އެންމެ ފަހުން ނިއުރޭޑިއަންޓާ ދެކޮލަށް ވިޔަންސާ ކުޅުނު މެޗުގައި ދެއްކި ކުޅުަމސް ވުރެ މިއަދުގެ މެޗުގައި ދެއްކި ކުޅުން ނުދެއްކުނު ކަމަށެވެ.

" އެންމެ ރަނގަޅު ކުޅުން ފެނިގެން ނުދާކަން ފާހަގަ ކުރެވުނު. ނިއު އަކީ ވެސް ބަލި ތީމެއް ނޫން. އަހަރުމެން ނިއުއާ ކުޅުނީ މީގެ ތިން ދުވަސް ކުރިން. އޭގެ ފަހުން ކުޅުންތެރިން ރިކަވާ ނުވަނީސް މި މެޗަށް ނުކުތީ. އޭގެ އަސަރު ވެސް ކުޅުންތެރިންނަށް ކުރިކަން ފާހަގަ ކޮށްލެވޭ. އެހެން ދުވަސްތަކާ ހިލާފަށް ކީޕަރުގެ ޕާފޯމަންސް ދައްކަމަށް މިއަދު ފާހަގަ ކުރެވުނު" ފެސްކޯ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ވިކްޓަރީ އާއި ނިއުރޭޑިއަންޓެވެ. މާދަމާގެ މެޗަށް މި ދެޓީމް ނިކުންނައިރު 13 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ލީގުގެ އެއް ވަނަގައެވެ. އަދި ނިއު އޮތީ 11 ޕޮއިންޓާއެކު ދެ ވަނައިގައެވެ.