22 Dec 2023, 18:37
މާފުށީ ޖަލުގެ ޖަލުގެ އެއްވެސް ގައިދީއަކު ބަނޑު ހައިހޫނުކަމުގައި ނުތިބޭނެ ކަމަށާއި ގައިދީންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.
ކަރެކްޝަންސް އިން މިހެން ބުނީ، މާފުށީ ޖަލުގެ ޔުނިޓް 10 ގައި ފަސް ގައިދީއަކާމެދު ކަރެކްޝަނުން ތަފާތުކުރާކަމަށް ބުނެ އެ ޔުނިޓްގެ ގައިދީންތައް ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އަންނަކަމަށް ބުނެ މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗުން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ހައިހޫނުކަމުގެ ހަޅުތާލެއް އެ ގައިދީން ޖަލުގައި ހިންގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ގައިދީންގެ އާއިލާތަކުގެ ފަރާތުން އެ ކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށެވެ.
މި ކަމާ ގުޅިގެން ކަރެކްޝަންސްގެ މީޑީއާ އޮފިޝަލް އައިމިނަތު ޔުސްރީން "ސަން"އަށް ވިދާޅުވީ އެ ޔުނިޓުގައި ތިބޭ ގައިދީން ނުކައި ތިބެން ނުޖެހޭނެ ކަމަށެވެ. އަދި އެ ގައިދީންނަށް ވެސް ކެއުން ފޯރުކޮށްދެމުން އަންނަކަމަށެވެ.
ނަމަވެސް ޖަލުން ފޯރުކޮށްދޭ ކާއެއްޗިހި ކާން އިންކާރުކޮށް އެ ގައިދީން ނުކަނީކަމަށް ވިދާޅުވިއެވެ. އެކަމަކު އެ ގައިދީން ތިބެނީ ބޭރުން ވިއްކާ ކާއެއްޗިހި ގަނެގެން ކައިގެން ކަމަށް ޔުސްރީން ވަނީ ވިދާޅުވެފައެވެ.
"އެ ގައިދީން ގެ ކަންބޮޑުވުންތައް ހައްލު ކުރަން މި އަންނަނީ މަސައްކަތް ކުރަމުން،" ޔުސްރީން ވިދާޅުވިއެވެ.
މި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރިއަށް ގެންދާތަ އިއްޔެއަށް ތިން ދުވަސްވެފައިވާ ކަމަށް އާއިލާއާ ހަވާލާދީ އެ ބަޔާނުގައިވެއެވެ.
އެގޮތުން އުސޫލުތަކެއްގެ ދަށުން އެހެން ގައިދީން ނެރޭ ވަގުތުތަކުގައި މި ޔުނިޓްގެ ގައިދިން ބޭރަށް ނުނެރުމާއި، ގައިދީން ބައިތިއްބައިފައި ތިބެނީ އެކަހެރިކޮށް ވަކިގޮޅިތަކެއްގައި ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.
އެއާއެކު، ތަފާތުކުރުމުގެ ސަގާފަތަކީ ނެތިދާން ޖެހޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއްގެ ހައްގުތައް ގެއްލި އަނިޔާވެރިކަމަށް ހުށައެޅިގެންނުވާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"ދައުލަތުގެ މިފަދަ އިދާރާތުގައި ތަފާތުކުރުން ނައްތައިލައި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ކަންތައް ކޮށްދެއްވުމަށް ގޮވައިލަން" އެ ޖަމިއްޔާއިން ބުންޏެވެ.
ޖަލުގައި ގައިދީންގެ ފަރާތުން މީގެ ކުރިން ވެސް މިފަދަ ބައެއް ކަންބޮޑުވުންތައް ފާޅުކުރަމުން އާދެއެވެ. އަދި ޖަލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ވެސް ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.