22 Dec 2023, 23:27
އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަހާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ އެއް ލަނޑު އެއްލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަން އިންނެވެ.
ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބްރައިޓަންގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕެލަސްއިން ވަނީ މި މެޗުގެ ލީޑު ނަގައިފައެވެ.
މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯޑަން އާޔޫއެވެ. މިއާއެކު ފުރަތަމަ ހާފް ޕެލަސްއިން ނިންމައިލީ ކުރީގައި އޮވެގެންނެވެ. މި މެޗުގެ ދެވަނަ ހާފްގައި ބްރައިޓަންއިން ވަނީ ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އިތުރު ކޮށްފައެވެ.
އެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވާ ގޮތްވީ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށެވެ. ބްރައިޓަންއަށް މި ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނީ ވެލްބެކްއެެވެ. މި ލަނޑާއެކު ބްރައިޓަންއިން މެޗު ކާމިޔާބު ކުރެވޭތޯ ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނި ދެ ޓީމު އެއްވަރުވެގެންނެވެ.
މި މެޗުގައި އެއްވަރުވުމުން ބްރައިޓަން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ ދެ މެޗުންނެވެ.
އަދި މި ވަގުތު އުޅެނީ 18 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ. އަދި ކްރިސްޓަލް ޕެލަސް އުޅެނީ 18 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.